ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ތިން އަހަރުގެ ސްޕޮންސާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ. އަދި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު ތާރިގެވެ.
އެ ޕާޓްނާޝިޕްގެ ދަށުން ބީއެމްއެލްއަކީ ގައުމީ ފިރިހެން، އަންހެން، އަދި ޔޫތު ޓީމުތަކުގެ އެކްސްކްލޫސިވް ސްޕޮންސަރެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެފްއޭއެމްއާއެކު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށް ރާއްޖޭގެ ގައުމީ ޓީމުތަކުގެ ރަސްމީ ސްޕޮންސަރަށް އެ ބޭންކު ހަމަޖެހިގެން ދިއުމަކީ ލިބޭ ފަހުރެއް ކަމަށެވެ.
"ރާއްޖޭގައި ކުޅިވަރުގެ ހުނަރު ކުރިއެރުވުމަށް އެހީތެރިވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދޭ ކަމެއް. ގައުމީ ފުޓްބޯޅަ ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދީ، އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖޭގައި ފުޓުބޯޅަ ކުރިއަރުވައި، އަންނަން އޮތް ޖީލުތަކާ ހަމައަށް ފުޓުބޯޅައިން އުންމީދީ ތަސައްވުރެއް ގެނެސްދިނުން،" ޝަރީފް ވިދާޅުވިއެވެ.
އެފްއޭއެމްގެ ރައީސް ތާރިގު ވިދާޅުވީ ބީއެމްއެލުން އެފްއޭއެމްއާއެކު ޕާޓްނާޝިޕެއް ގާއިމުކުރަން ނިންމުމަކީ، އެފްއޭއެމްއަށާއި ދިވެހި ފުޓުބޯޅަ އާލާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެ ބޭންކުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.
"މި ޕާޓްނާޝިޕްގެ ސަބަބުން އަޅުގަނޑުމެންގެ ގައުމީ ޓީމުތަކަށް އެހީތެރިކަން ލިބުމުގެ އިތުރުން، މުޅި ރާއްޖޭގައި ފުޓުބޯޅަ ކުރިއަރުވައި ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ،" ތާރިގު ވިދާޅުވިއެވެ.
ބީއެމްއެލްއަކީ ފުޓްބޯޅައަށް އަބަދުވެސް އެހީތެރިވެދީ ގިނަ އަހަރުތަކެއްގައި ގައުމީ ފުޓްބޯޅަ ޓީމުތައް ސްޕޮންސާކޮށްދީފައިވާ ބޭންކެކެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް