އީކޮމާސް ނުވަތަ ބޭރުގެ އޮންލައިން ވެބްސައިޓްތަކުން ވިޔަފާރި ކުރުމަށް ދިމާވި ދަތިތަކަށް ހައްލު ގެންނަމުންދާ ކަމަށާއި އެ ދަތިތައް ދެން ދިމާ ނުވާނެ ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ޑޮލަރުގެ މައްސަލަޔާ ގުޅިގެން ބީއެމްއެލަށް އައި ހީނަރުކަން ވަރަށް ރަނގަޅަށް އެ ކުންފުނިން މެނޭޖް ކޮށްފައިވާ ކަމަށެވެ. ޑޮލަރުގެ މައްސަލަޔާ ގުޅިގެން އީކޮމާސް ނުވަތަ އޮންލައިން ވެބްސައިޓްތަކުން ވިޔަފާރި ކުރުމަށް ދިމާވި ދަތިތަކަށް ހައްލު ހޯދައި މައްސަލަ ހައްލު ކޮށްފައިވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

"އެހެން ނަމަވެސް ބެންކް އޮފް މޯލްޑިވްސް އިން ވިދާޅުވި ގޮތުގައި ކުރިން އެ ދިމާވި މައްސަލަތަކެއް ދެން ދިމައެއް ނުވާނެ، މިހާރު އެބޭފުޅުން ޓީޓީ ހަދާ ދިނުމުގައި ވެސް ބޭރުފައިސާ ދޫކުރުމުގައިވެސް ހާލަތު ބަދަލުވެ ކުރީގެ ހާލަތަށް ރުޖޫއަ ވާން އެދަނީ މަސައްކަތް ކުރަމުން ވަރަށް ބާރަށް، އެހާލަތު އެދަނީ ބަދަލުވަމުން،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ބޭރު ފައިސާގެ ދަތިކަން ރާއްޖެއަށް ދިމާވީ، ކުރީ ސަރުކާރުތަކުން ނަގާފައިވާ 1.4 ބިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން ދެއްކުމުން ކަމަށެވެ. އޭގެ ތެރޭގައި ގިނައީ އިގުތިސޯދާ ގުޅުން ނެތް ލޯނުތައް ކަމުން، އެ ލޯނުތަކުން އިގްތިސޯދަށް ފައިދާވެފައި ނުވާ ކަމަށާއި އެކަމުގެ ސަބަބުން އާމްދަނީ ލިބުން ދަތިވެފައިވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.