އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން އެސްޓަން ވިލާ ކައިރިން ބަލިވި އިރު، ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއަށް އަނިޔާވެއްޖެއެވެ.

ރޭ ރަށުން ބޭރުގައި ޔުނައިޓެޑުން ވިލާ ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން މޮޅުވެ، ފަސްވަނައަށް ޖެހިލަން ޔުނައިޓެޑަށް އޮތް ފުރުސަތު ގެއްލި، އެޓީމު އޮތީ ހަތް ވަނައިގައެވެ. އެއީ 17 މެޗުން 26 ޕޮއިންޓާއެކުގައެވެ. ވިލާއިން ހޯދި މޮޅާއެކު އެޓީމުން ވަނީ ތިންވަނައަށް ޖެހިލައިފައެވެ. އެއީ 17 މެޗުން 36 ޕޮއިންޓާއެކުގައެވެ.

މެޗުން ޔުނައިޓެޑް ބަލިވުމުގެ އިތުރުން އެޓީމަށް ވަނީ އިތުރު މާޔޫސްކަމަކާވެސް ކުރިމަތިވެފައެވެ. އެއީ ކެޕްޓަން، ޕޯޗުގަލްގެ ފެނާންޑޭޒްގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް، ޗެލެންޖެއް ނެތި ފެނާންޑޭޒްއަށް ލިބުނު ބޯޅައަކާއެކު އޭނާ ވަނީ އަމިއްލައަށް ކުޅުން ހުއްޓާލައިފައެވެ. އޭގެފަހުން ފަލަމަސްގަނޑުގައި އަތް އަޅައިގެން އިރުކޮޅެއް ވަންދެން ހުރުމަށްފަހު، އޭނާ ފުރަތަމަ އިޝާރާތް ކުރީ ކުޅެވޭނެ ކަމަށެވެ.

އެހެން ނަމަވެސް، އޭގެފަހުންވެސް ފެނާންޑޭޒް ފެނުނީ ތަދާއެކު ކުޅުނު ތަނެވެ. އޭނާ ބަދަލުކުރަން ރުބެން އަމޯރިމް ނިންމީ ފުރަތަމަ ހާފު ނިމުމުންނެވެ.

އެ ހާލަތުގައި ފުރަތަމަ ހާފު ނިންމާލި އިރު، ދެޓީމު އޮތީ އެއްވަރުވެސް ކޮށްފައެވެ. 45 ވަނަ މިނެޓުގައި މޯގަން ރޯޖާސްގެ ހިތްގައިމު ގޯލަކުން ވިލާ ލީޑު ނެގި އިރު، މެތިއަސް ކޫންޏާގެ ގޯލަކުން ޔުނައިޓެޑަށް އެއްވަރު ކޮށްދިނެވެ.

އެ ސްކޯގައި ފުރަތަމަ ހާފު ނިމުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ރޯޖާސް ވަނީ އިތުރު ގޯލެއް ޖަހައި ވިލާއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ.

މެޗުގެ ފަހުކޮޅުގައި ޔުނައިޓެޑުން ގިނަ ހަމަލާތަކަކަށް މަސައްކަތް ކުރި ނަމަވެސް، އެޓީމަށް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.