މާލޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ކަޕްގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި މިރޭ އަފްގާނިސްތާން ކައިރިންވެސް ސީދާ ތިން ސެޓުން މޮޅުވެއްޖެއެވެ.
ވިމެންސް ކާވާ ކަޕް އިއްޔެ ރާއްޖޭގައި ފެށީ ހަތަރު ޓީމާއެކުގައެވެ. އެއީ ރާއްޖެއާއި ބަންގްލަދޭޝްގެ އިތުރުން އަފްގާނިސްތާނާއި ކިރިގިސްތާނާ އެކުގައެވެ. މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް ކައިރިންވެސް މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެއީ 25-18، 25-12 އަދި 25-16 އިން ސެޓުތައް ގެންގޮސްގެންނެވެ.
ރާއްޖެއިން ދެވަނަ މެޗުގައި މިރޭ އަފްގާނިސްތާނާ ދެކޮޅަށް ނުކުމެވެސް އެ ފޯރިގައި، ވަރުގަދަ ކުޅުމެއް ދައްކާފައިވާ އިރު، ރާއްޖެއިން ސެޓުތައް ގެންދިޔައީ 25-20، 25-13 އަދި 25-12 އިންނެވެ.
ފުރަތަމަ ސެޓުގައިވެސް ރާއްޖޭގެ އެޓޭކްތަކުގެ އިތުރުން ޑިފެންސްތައްވެސް ވަރުގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ)އާއި އައިމިނަތު ޝަހާ ޝާމިންގެވެސް ވަރުގަދަ އެޓޭކްތަކެއް ފެނުނެވެ.
މުޅި މެޗުގައިވެސް އެ ދެކުޅުންތެރިންގެ ބާރު އެޓޭކްތައް ފެނިގެން ގޮސްފައިވާ އިރު، މެދުން ނަރީމާ އިދުރީސްގެ އަވަސް އެޓޭކްތައް ހުއްޓުވަންވެސް އަފްގާނިސްތާނަށް ވަނީ އުނދަގޫވެފައެވެ.
ރާއްޖޭގެ ލިބަރޯ މައިހާ އަލީ އާއި ސެޓަރު ފާތިމަތު ޖޫޒާން ޒަރީރުގެ ކުޅުން މުޅި މެޗުގައިވެސް ފާހަގަކުރެވިގެން ގޮސްފައިވާ އިރު، ޓީމުގެ ފަރާތުން ރަނގަޅު ޑަމީ އެޓޭކްތަކާއި އަވަސް އެޓޭކްތަކެއްވެސް ފެނިގެން ގޮސްފައިވެއެވެ.
ރާއްޖެއިން ރަނގަޅު ފޯމެއްގައި އޮތް އިރު، މިވަގުތު އޮތީ ކިރިގިސްތާނާ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ. އެއީ ދެމެޗުންވެސް ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. މިއަދު ހަވީރު ކިރިގިސްތާނުން ކުޅުނު މެޗުގައި ބަންގްލަދޭޝް ކައިރިން މޮޅުވީވެސް ސީދާ ތިން ސެޓުންނެވެ.
އެ މެޗުގައި ކިރިގިސްތާނުން ސެޓުތައް ގެންދިޔައީ 25-15، 25-21 އަދި 25-11 އިންނެވެ.
ރާއްޖެއިން ލީގު ބުރުގައި ކުޅޭ ފަހު މެޗުގައި ކިރިގިސްތާނާ ދެކޮޅަށް މާދަމާ ރޭ ނުކުންނަ އިރު، މާދަމާ ހަވީރު އަފްގާނިސްތާނާއި ބަންގްލަދޭޝް ކުޅޭނެއެވެ. މުބާރާތުގެ އުސޫލު އޮންނަ ގޮތުން، އެއްވަނަ ޓީމުން ސެމީގައި ނުކުންނާނީ ހަތަރު ވަނަ ޓީމާ ދެކޮޅަށެވެ. އަދި ސެމީ އަނެއް މެޗުގައި ނުކުންނާނީ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ.
ކާވާ ކަޕް
ކާވާ ކަޕް
ކާވާ ކަޕް
ކާވާ ކަޕް