ކުރީގެ އެއްވަނަ ވޮލީބޯޅަ ކުޅުންތެރިޔާ އިބްރާހީމް އާދިލް (ކޮއްކޮ) މިއަދުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.
އާދިލް، 48، ނިޔާވެފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށެވެ. އާދިލްގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ އާސަހަރާ މިސްކިތުގައި އޮންނާނީ 23:30 ގައެވެ.
އާދިލްއަކީ ވެލެންސިއާއިން ވޮލީގެ ތެރެއަށް ވަދެ، އެ ކްލަބުގެ ކެޕްޓަނެއްގެ ގޮތުގައިވެސް ކުޅުނު ކުޅުންތެރިއެކެވެ. ބްލޮކަރެއްގެ ގޮތުގައި ފާހަގަކޮށްލެވުނު އާދިލް ވަނީ އެންމެ މަތީ ފަންތީގައި 20 ވަރަކަށް އަހަރު ދުވަހު ކުޅެފައެވެ. ގިނަ ކްލަބުތަކަށްވެސް ކުޅުނު އާދިލް ވަނީ ގައުމީ ޓީމުގެ ކެޕްޓަން ކަންވެސް ކޮށްފައެވެ.
ކެރިއަރުގައި ގިނަ ކާމިޔާބީތަކެއްވެސް ހޯދި އާދިލް ވަނީ ހަވީރު ނޫހުން ހޮވި، ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.
އާދިލް ވަނީ ރިސޯޓު ވޮލީ މުބާރާތްތަކުގެ އިތުރުން އަތޮޅު ތެރޭގެ މުބާރާތްތަކުގައިވެސް ފާހަގަކޮށްލެވިފައެވެ. އެ މުބާރާތްތަކުގައި މޮޅަށް ކުޅެ، އާދިލް ވަނީ ގިނަ ބައެއްގެ ލޯބިވެސް ހޯދައިފައެވެ.
ބީޗް ވޮލީގެ އިތުރުން ވެޓެރަންސް ވޮލީ މުބާރާތްތަކުގައިވެސް އާދިލް ފާހަގަކުރެވިގެން ގޮސްފައިވާ އިރު، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އާދިލް ވަނީ ވެމްކޯއިންވެސް ފެނިގެން ގޮސްފައެވެ.
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް