ރައްޔިތުންގެ މަޖިލީހުގެ ތެރެއިން 2025 ވަނަ އަހަރު އެންމެ ބޮޑު ބަދަލެއް ގެނައި އެއް ނިޒާމަކީ ލާމަރުކަޒީ ނިޒާމެވެ.
ލާމަރުކަޒީ ނިޒާމު ހިންގުން ހަރުދަނާކުރުމަށް ބޮޑެތި ބަދަކުތަކެއް ގެނެސް ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުމާއެކު، ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލުކުރާން ޖެހޭ އުސޫލުތައް ހިމަނައި، ކައުންސިލްތަކުގެ މާލީ ކަންކަން ނިންމުމުގައި އަމަލުކުރާން ޖެހޭ އުސޫލުތައް ހަރުދަނާ ކުރުމަށް 2025 ވަނަ އަހަރު ގާނޫނުތަކަށް ވަނީ ބަދަލުގެނަސްފައެވެ.
އަތޮޅު ކައުންސިލްތައް އުވާލުން:
މިދިޔަ 2025 ވަނަ އަހަރު ލާމަރުކަޒީ ނިޒާމަށް ގެނައި އެންމެ ބޮޑު އެއް ބަދަލަނީ އަތޮޅު ކައުންސިލްތައް އުވާލުމެވެ.
ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު، ގާނޫނުއަސާސީއަށް ގެނައި ހަތްވަނަ އިސްލާހުގެ ގޮތުގައި މަޖިލީހުން ފާސްކޮށް، ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި އަމަލު ކުރަން ފެށި މި ބަދަލުގައި، ލާމަރުކަޒީ ނިޒާމުގައި އަތޮޅު ކައުންސިލްތައް ހިމެނޭކަމަށް ބުނާ، ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ)ގެ ތިން ވަނަ ނަންބަރުވަނީ އުވާލައިފައެވެ. ނަަމަވެސް އެއީ މިހާރު އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލުތައް ދައުރު ހަމަވާންދެން ދެމި އޮންނަ ގޮތަށެވެ.
އެހެންކަމުން އަންނަ އޭޕްރީލްމަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކައުންސިލްތަކުގެ އިންތިހާބުގައި އަތޮޅުކައުންސިލްތައް އިންތިހާބެއް ނުކުރާނެއެެވެ. އެހިސާބުން އަތޮޅުކައުންސިލްތައް އުވޭނެއެވެ.
އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން ބައެއް ފާޑުކިއުންތައް އަމާޒުވި ނަމަވެސް، ގާނޫނުގައި އަތޮޅުކައުންސިލްތައް ހިމަނާފައި އޮތްގޮތާއި މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކަށް ބަލާއިރު، އަތޮޅު ކައުންސިލްތައް ބާއްވަން ބޭނުން ނަމަވެސް އަތޮޅު ކައުންސިލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރަން ގާނޫނަށް ބަދަލުތަކެއް ގެންނާން ޖެހެއެވެ. ސަރުކާރުން ނިންމީ ގާނޫނުއަސާސީއަށް ބަދަލުގެނެސް އަތޮޅު ކައުންސިލްތައް އުވާލުމަށެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން އުފެއްދި ފަރާތްތަކަށް، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އަތޮޅު ކައުންސިލުތައް އުވާލިޔަސް، އަތޮޅުތަކުގެ އިދާރީ ކަންކަން ކުރެވޭނެ ގޮތަށް ނިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލުވުމުން ސަލާމަތް ކުރެވޭ ފައިސާ ހަރަދުކުރާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކަންކަމާއި ރައްޔިތުންނަށް ކުއްލިއަކަށް ދިމާވާ ކަންތައްތަކަށްކަމަށެވެ. އަތޮޅު ކައުންސިލްތައް އުވާލުމުން، ރަށު ކައުންސިލްތަކުގެ ބަޖެޓު އިތުރުވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކައުންސިލްތަކާއި، ޑަބްލިއުޑީސީތަކުގެ މެންބަރުންގެ އަދަދު މަދު ކުރުން:
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 41 ވަނަ މާއްދާގައި މިހާތަނަށް އޮތީ، 10,000 މީހުންނާއި 30,000 މީހުންނާ ދެމެދުގެ އާބާދީއެއް ހިމެނޭ ސިޓީ ކައުންސިލްގައި މޭޔަރާއި، ގާނޫނުގެ ދަށުން އިންތިހާބު ކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭ ގޮތުން ހަތް ގޮނޑި ހިމެނޭނެ ކަމަށެވެ. އަދި 30,000 މީހުންނާއި 60,000 މީހުންނާ ދެމެދުގެ އާބާދީ ހިމެނޭ ކައުންސިލްގައި މޭޔަރާއި، އިންތިހާބު ކުރުން ގާނޫނުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭ ގޮތުން ހިމެނޭނީ 13 ގޮނޑި ކަމަށެވެ. އަދި 60,000 މީހުންނަށްވުރެ އާބާދީ އިތުރު ނަމަ، ކައުންސިލްގެ މޭޔަރާއި ގާނޫނުން އިންތިހާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭ ގޮތުން 19 ގޮނޑި ކަމަށެވެ.
ނަމަވެސް، ނޮވެމްބަރު މަހުގެ 27 ވަނަދުވަހު މަޖިލީހުން ފާސްކޮށް، ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ރައީސް ތަސްދީގު ކުރައްވައިގެން ގާނޫނަށް ގެނައި 17 ވަނަ ބަދަލުން، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތައް އެކުލެވިގެންވާ ގޮތްވެސް ވަނީ ބަދަލުގެނަސްފައެވެ.
އެގޮތުން 21 އިދާރީ ދާއިރާގެ ތެރެއިން ސިޓީ ކައުންސިލްގެ ޝަރުތު ހަމަވާ އިދާރީ ދާއިރާތައް ފިޔަވައި، އެހެން ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ރަށެއް ހިންގާނީ ރަށު ކައުންސިލުތަކުން ކަމަށް ވަނީ ކަނޑައަޅައިފައެވެ.
މީގެ އިތުރުން 10،000 މީހުންނާއި 25،000 މީހުންނާ ދެމެދުގެ އަދަދެއް ނަމަ މޭޔަރާއި އިންތިހާބު ކުރަން ލާޒިމުކުރާ އަންހެން މެންބަރުން ހިމެނޭގޮތުން ހަތް ގޮނޑި، 25،000 މީހުންނާއި 50،000 މީހުންނާ ދެމެދުގެ އަދަދެއްނަމަ 11 ގޮނޑި، 50،000 އަށްވުރެ އިތުރު އަދަދެއްނަމަ 15 ގޮނޑި ހިމެނޭނެކަމަށް ވަނީ ކަނޑައަޅައިފައެވެ.
ނަމަވެސް މާލެ ސިޓީ އެކުލެވިގެންވަނީ ކައުންސިލްގެ މޭޔަރުގެ އިތުރުން މި ގާނޫނުގެ ދަށުން އިންތިހާބުކުރަން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭގޮތުން، ގާނޫނުއަސާސީ އާއި ގާނޫނުގެ ދަށުން މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިިލީހުގެ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ ގޮނޑީގެ ނިސްބަތުން އިންތިހާބު ކުރާ މެންބަރުންގެ މައްޗަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ޏ. ފުވައްމުލަކަކީ އެއްފަސްކޮށް އޮތް 8 އަވަށުގެ މައްޗަށް އެކުލެވޭ އިދާރީ ދާއިރާއަކަށްވެފައި، ކޮންމެ އަވަށެއް އިދާރީގޮތުން ވަކި ރަށެއްގެ ގޮތުގައި ބެލެވެމުން އައިސްފައިވުމާއެކު ފުވައްމުލަކު ސިޓީ ކައުންސިލަށް މެންބަރުން އިންތިހާބު ކުރާނީ، މޭޔަރުގެ އިތުރުން ގާނޫނުން ލާޒިމުކޮށްފައިވާ އަންހެން މެންބަރުން ހިމެނޭގޮތުން ކޮންމެ އަވަށަކުން އެއް ގޮނޑީގެ ނިސްބަތުން އިންތިހާބުކުރާ މެންބަރުންގެ މައްޗަށް ކަމަށް ކަނޑައަޅަންވެސް ވަނީ ކަނޑައަޅައިފައެވެ.
ގާނޫނުގެ 24 ވަނަ މާއްދާގައި މިހާތަނަށް ރަށު ކައުންސިލްތައް ކަނޑައަޅާފައި އޮންނަނީ 3000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ ފަސް މެންބަރުން ކަމަށެވެ. އަދި 3000 އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ހަތް މެންބަރުން ކަމަށެވެ.
ނަމަވެސް ގާނޫނަށް ގެނައި ބަދަލުން ދެން އަންނަ އިންތިހާބުގައި، 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ، ރަށު ކައުންސިލަށް އިންތިހާބު ކުރާނީ، އެ ކައުންސިލްގެ ރައީސާއި ގާނޫނުގައި ބުނާ އަންހެން މެންބަރު ހިމެނޭގޮތުން ތިން މެންބަރުން ކަމަށެވެ. އަދި 2000 އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ކައުންސިލް ރައީސާއި ގާނޫނުގައި ބުނާ އަންހެން މެންބަރުން ހިމެނޭގޮތުން ފަސް މެންބަރުންނެވެ.
މީގެ އިތުރުން ފަސް ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތަކުގައި ދެ އަންހެން ކައުންސިލަރުން، ހަތް ކައުންސިލަރުން ހިމެނޭ ކައުންސިލްތަކުގައި ތިން އަންހެން ކައުންސިލަރުން ހިމެނެން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މާއްދާ އިސްލާހުކޮށް، ތިން ކައުންސިލަރުންގެ ހިމެނޭ ކައުންސިލްތަކުގައި އެއް އަންހެން ކައުންސިލަރު، ފަސް ކައުންސިލަރުން ހިމެނޭ ކައުންސިލްތަކުގައި ދެ އަންހެން ކައުންސިލަރުން އިންތިހާބު ކުރާން ޖެހޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
ގާނޫނުގައި މިހާތަނަށް ޑަބްލިޔުޑީސީތައް ކަނޑައަޅާފައި އޮތީ ރަށެއްގައި ނަމަ، ފަސް މެންބަރުން ސިޓީއެއްގައި ނަމަ ރަޖިސްޓްރީކޮށްފައިވާ އާބާދީއަކީ 10،000 މީހުންނާއި 30،000 މީހުންނާ ދެމެދުގެ އަދަދެއް ނަމަ ހަ މެންބަރުން، 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ އާބާދީތަކުގައި 10 މެންބަރުން، 60،000 އަށްވުރެ މަތިނަމަ 18 މެންބަރުން ކަމަށެވެ.
އެގޮތް އިސްލާހުކޮށް ރަށެއްގައި ނަމަ، ރަށު ކައުންސިލަށް އިންތިހާބުކުރާ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ މެންބަރުން، އަދި ސިޓީއެއްނަމަ، އެ ސިޓީ ކައުންސިލްގައި ހިމެނޭ މެންބަރުންގެ އަދަދަށް ޑަބްލިޔުޑީސީތަކަށް މެންބަރުން އިންތިހާބު ކުރާން ޖެހޭގޮތަށް ގާނޫނު ވަނީ ބަދަލުކޮށްފައެވެ.
ޑަބްލިޔުޑީސީތަކުގެ ރައީސާއި ނައިބު ރައީސް ހޮވާނީ ކޮމިޓީގެ މެންބަރުންގެ ތެރެއިން ނަގާ ވޯޓަކުން ކަމަށް އޮތް ގޮތް ބަދަލުކޮށް، ރައީސް އިންތިހާބު ކުރާނީ ކޮމިޓީ ނިސްބަތްވާ ރަށުގެ ނުވަތަ ސިޓީގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށާއި ނައިބު ރައީސް ހޮވާނީ ކޮމިޓީ މެންބަރުންގެ ތެެރޭގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ. ޑަބްލިއުޑީސީގެ ރައީސަކީ ފުލްޓައިމް ވަޒީފާއެއްގެ ގޮތުގައި ހަމަޖައްސައި، މެންބަރުންނަށް ރޯދައިގެ އިނާޔަތް ލިބޭގޮތަށްވެސް ގާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ.
މި ބަދަލާ ގުޅިގެން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ކައުންސިލްތަކާއި ޑަބްލިއުޑީސީ ތަކުގެ މެންބަރުންގެ އަދަދު މަދުކުރަން ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ނިންމީ، ރައްޔިތުން އެގޮތަށް ބޭނުންވާތީ ކަމަށެވެ.
މި ބަދަލުތަކާއެކު ގާނޫނަށް މާއްދާއެއް އިތުރުކޮށް، ކޮންމެ އިދާރީ ދާއިރާއެއްގެ ވެރިކަންކުރާ ކޮންމެ ރަށެއްގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އޮފީހެއް ގާއިމު ކުރެވޭގޮތަށް ކަނޑައަޅައި އިތުރު ޒިންމާތައް އެ އޮތޯރިޓީގެ މައްޗަށް ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރުން އެލްޖީއޭގެ ރައީސަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށް، ބޯޑުގެ ބައްދަލުވުންތަކާއި ނިންމުންތަކާބެހޭ މާއްދާއެއް ގާނޫނަށް ވަނީ އިތުރުކޮށްފައެވެ.
ކައުންސިލަރުންނަށް ވަގުތުން ފިޔަވަޅު އެޅުމުގެ ބާރު އެލްޖީއެއް ދީ، އެ ފިޔަވަޅުގެ ސަބަބުން ކައުންސިލްގެ ކޯރަމް ހަމަނުވާ ނަމަ އެ ކައުންސިލްގެ ރަށްވެހިކަމުގެ ހިދުމަތްތައް މެދު ނުކެނޑި ލިބޭނެ އިންތިޒާމު ކައުންސިލާ ހަވާލުވެ ހުރި ސެކްރެޓަރީ ޖެނެރަލް ހަމަޖައްސަންވާނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
މީގެ އިތުރުން ގައުމީ އިދާރާތަކަށް މައުލޫމާތު ދިނުމާއި ޖަވާބުދާރީ ވުމާބެހޭ މާއްދާއެއް ގާނޫނަށް އިތުރުކޮށް، އިދާރީ ދާއިރާތަކުގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ކައުންސިލްތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް ހުށަހަޅައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ހުއްދައެއް ކައުންސިލުން ނުދޭނަމަ އެލްޖީއޭގެ ހުއްދައާއެކު، އެ މަޝްރޫއެއް ނުވަތަ ހަރަކާތެއްގެ މަސައްކަތްތައް އިދާރީދާއިރާތަކުގައި ސަރުކާރަށް ކުރިއަށްގެންދެވޭގޮތަށްވެސް ވަނީ ހަދައިފައެވެ.
ކައުންސިލްތަކުގެ މާލީ ބައެއް ބާރުތަކަށް ބަދަލު ގެނައުން:
މިދިޔަ އަހަރުގެ ތެރޭގައި މަޖިލީހުން ގާނޫނުތައް ބަދަލުކޮށް ލާމަރުކަޒީ ނިޒާމް އިސްލާހުކޮށް ކައުންސިލްތަކުގެ މާލީ ބައެއް ބާރުތަކަށް ގެނައި ބަދަލުވެސް ފާހަގަ ކޮށްލެވެއެވެ.
އެގޮތުން ޓޫރިޒަމްގެ ގާނޫނަށް ގެނައި 15 ވަނަ އިސްލާހުން، މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ އިހުތިސޯސްގައި ހިމެނޭ ފަޅުރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ނަމަވެސް ރަށްތަކާއި ސިޓީތަކުގެ ބިނާވެށި ޕްލޭނާ އެއްގޮތަށް އެ ރަށެއްގައި ޓޫރިޒަމް ބޭނުމަށް ތަރައްގީ ކުރެވޭނެ ބިން ކަނޑައަޅާނީ ހަމަ ކުރީން އޮތްގޮތަށް، އެރަށެއްގެ ކައުންސިލަކުން ކަމަށް ވަނީ ހިމަނައިފައެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހުން ކައުންސިލްތަކުގެ މާލީ ބާރުވެރިކަމަށް ބަދަލުތަކެއް ގެނައެވެ. އެ ގޮތުން ކުރިޔަށްވުރެ ބޮޑަށް މާލީ ކަންކަމުގައި ކައުންސިލްތައް ޒިންމާދާރުވާން ޖެހޭނެ ގޮތަށް ހެދިއެވެ.
އެގޮތުން ކައުންސިލްތަކުގެ ބޭންކު އެކައުންޓްތައް ބަލަހައްޓަންވާނީ، މާލީ ކަންކަން ހިންގުމާބެހޭ މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ކަމަށް، ގާނޫނުގެ 100 ވަނަ މާއްދާއަށް އިތުރުކުރިއެވެ. އަދި އެ އެކައުންޓްތަކުގެ ސްޓޭޓްމެންޓެއް ހޯދަން މާލީ ވުޒާރާއިން އެދިއްޖެނަމަ، އެ މައުލޫމާތެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރު މާލީ ކަންތައްތައް ނިންމާނެ ގޮތުގެ މާއްދާއެއް ގާނޫނަށް އިތުރުކޮށް ކައުންސިލްތަކުގެ އުމުރު ހަމަވާން އޮތީ އަހަރު ދުވަހަށްވުރެ ކުރު މުއްދަތެއް ނަމަ، މާލީ ވުޒާރާ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކާ ހިލާފަށް އެއްވެސް ހަރަދެއް ކޮށްގެން ނުވާނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
އެކަންތައްތަކަކީ:
- ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލް އޮފީހަށް ދާއިމީކޮށް ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނުނެގުން
- ކައުންސިލް އިހްތިސާސް ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން
- ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ ތަރައްގީގެ މަޝްރޫއުތައް ނުފެށުން
މީގެ އިތުރުން "ލޯކަލް އޮތޯރިޓީ ކުންފުނި" ތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ މަސައްކަތްތަކެއް ކަމަށްވާންވާނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ހިމެނެންޖެހޭ ޝަރުތުތައް:
- އެ މަސައްކަތަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ އިގުތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން
- އެ މަސައްކަތަކީ، ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައިވުން
- އެ މަސައްކަތުގެ އިންވެސްޓްމަންޓްގެ އަދަދު 10،000،000 ރުފިޔާއަށްވުރެ ބޮޑުވުން
މީގައި ހިމެނޭ ޝަރުތުތައް ހަމަ ނުވާ ވިޔަފާރި ހަރަކާތްތައް، ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ގާނޫނަށް ގެނެސް، ރައީސް ބިލު ތަސްދީގުކޮށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ހުއްްޓާލަން ޖެހޭނެ ކަމަށްވެސް ވަނީ ކަޑައަޅައިފައެވެ.
ބައި އިލެކްޝަންތައް މަދުކުރުން:
ކައުންސިލްތަކުގެ ބައި އިލެކްޝަންތައް ގިނަގިނައިން ބާއްވަން ޖެހުމުން ދިމާވަމުން އައި މައްސަލަތަކަށްވެސް މިދިޔަ އަހަރު ގާނޫނު އިސްލާހު ކޮށްގެންވަނީ ހައްލު ގެނެސްފައެވެ.
އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް މަޖިލީހުން ގެނައި 8 ވަނަ އިސްލާހުން ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރަން ބާއްވާ ބައި-އިލެކްޝަން ބާއްވަންވާނީ، އަހަރަކު ދެ ފަހަރު ކަމަށް ވަނީ ކަނޑައަޅައިފައެވެ.
އޭގެ އިތުރުން ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީތަކުގެ މެންބަރުންގެ ދައުރުގެ ބާކީ ދޮޅު އަހަރަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ، ހުސްވާ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރަން ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ވެސް ވަނީ ކަނޑައަޅައިފައެވެ.
މިއީ ލޯކަލް ކައުންސިލްތަކުގެ އުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުން ދިއުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި އިލެކްޝަންތައް ބާއްވަން ޖެހޭތީ އާއި އޭގެ ސަބަބުން އެކަމަށް ކުރަން ޖެހޭ ހަރަދުތައް އިތުރުވަމުންދިއުން ހުއްޓުވުމަށް ގެނައި އިސްލާހެކެވެ.
އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ، ބައި އިލެކްޝަންތައް މަދުވުމުން، އެތައް މިލިޔަން ރުފިޔާއެއް ސަލާމަތް ކުރެވޭނެ ކަމަށެވެ.
ހުޅުދޫ އާއި މީދޫ އައްޑޫ ކައުންސިލުން ވަކިކުރުން:
މިފިޔަ 2025 ވަނަ އަހަރު މަޖިލީހުން އަލަށް ވުޖޫދުކުރި "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު" އަކީ އައްޑޫ ސިޓީގެ ތާރީހު ބަދަކުކޮށްލި ގާނޫނެކެވެ.
މި ގާނޫނު ބުނާގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާއި ގައުމީ މުހިންމު މައްސަލަތަކާއި، ގާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށެވެ.
ގައުމީ މުހިންމު މައްސަލަތަކާ ގުޅިގެން އާންމު ވޯޓަކަށްދާން ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި އާންމު ވޯޓަކަށް ދާން ނިންމާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް މި ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.
މިހާތަނަށް އައްޑު އަތޮޅުގެ ލާމަރުކަޒީ ހިންގުން އޮތީ ހުޅުދޫ އާއި މީދޫއާއެކު ގުޅިފައިވާ ހަތަރު ރަށް ހިމެނޭ ގޮތަށް މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށެވެ.
ނަމަވެސް އައްޑު އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އާއި މީދޫގެ އިތުރުން ފޭދޫން އައްޑޫ ސިޓީ ކައުންސިލްގެ ދަށުން ވަކިވެ ވަކިން ރަށު ކައުންސިލެއް ބާއްވަންވެގެން ސަރުކާރަށް ހުށަހެޅުމާއެކު، "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު" ގެ ދަށުން ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަކުން އެ މައްސަލައިގައި އައްޑޫ ރައްޔިތުން ދެކޭގޮތެއް ކަނޑައެޅުމަށް އާއްމު ވޯޓެއް ނެގިއެވެ.
އެވޯޓުގައި ހުޅުދޫ އާއި މީދޫން ނިންމީ ވަކި ކައުންސިލެއް އުފެއްދުމަށެވެ. ނަމަވެސް ފޭދޫ ރައްޔިތުން ނިންމީ އައްޑޫ ކައުންސިލްގެ ދަށުން ވަކިނުވެ އެގޮތުގައި އޮތުމަށެވެ.
އެކަމާ ގުޅިގެން އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫއަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވިއެވެ. ރައީސް އެގޮތަށް ކަނޑައެޅުއްވީ "ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން" އަށް އިސްލާހު ގެންނަވައި ނެރުއްވި ގަރާރަކުންނެވެ.
ރައީސްގެ ގަރާރުގައި ވަނީ މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމުގައި ކަނޑައަޅައި، "އައްޑޫ ސިޓީ" ގައި ހިމެނޭނީ "ހިތަދޫ" އާއި "މަރަދޫ" އާއި "މަރަދޫފޭދޫ" އާއި"ފޭދޫ" ކަމަށެވެ. އަދި "އައްޑޫ" ގެ އިހުތިސޯސްގެ ބައެއްގެ ގޮތުގައި އޮތް "ހުޅުދޫ" އާއި "މީދޫ" އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވާ ކަމަށެވެ.
މި ބަދަލުތަކާއެކު، 2025 ވަނަ އަހަރު ވެގެންދާނީ، ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ތައާރަފުވުމަށްފަހު، އެ ނިޒާމަށް އެންމެ ބޮޑެތި ބަދަލުތައް ގެނައި އަހަރުގެ ގޮތުގައެވެ.
އިބްރާހިމް ޒަކީ
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
ކޮމެންޓް