ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން ރޭ ކުޅުނު މެޗުގައި ސެވިއްޔާ ކައިރިން މުހިއްމު މޮޅެއް ހޯދައިފިއެވެ.

ރޭ އަމިއްލަ ދަނޑުގައި 2-0 އިން ސެވިއްޔާ ބަލިކޮށް، ރެއާލުން ވަނީ ބާސެލޯނާއާ ގާތަށް ޖެހިލައިފިއެވެ. ބާސާ މިވަގުތު އެއްވަނައިގައި އޮތީ 17 މެޗުން 43 ޕޮއިންޓާއެކުގައެވެ. ރެއާލް ދެވަނައިގައި އޮތީ 18 މެޗުން 42 ޕޮއިންޓާއެކުގައެވެ.

ރޭގެ މެޗު ހާއްސަވީ ރެއާލްގެ ތަރި ކިލިއަން އެމްބާޕޭއަށެވެ. ފްރާންސްގެ ފޯވަޑް މިހާތަނަށް މި އަހަރު 59 ގޯލް ހަމަކޮށްފައިވާ އިރު، އެއީ ރެއާލް ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައި އޮތް ރެކޯޑެކެވެ. ރޮނާލްޑޯ 2013 ވަނަ އަހަރު 59 ގޯލް ޖަހާފައިވާ އިރު، އެމްބާޕޭ އެ ރެކޯޑާ ހަމަކުރީ ރޭ 86 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ.

އޭގެ ކުރިންވެސް އެމްބާޕޭއަށް ހުސް ފުރުސަތުތައް ލިބިފައިވާ އިރު، ފުރަތަމަ ހާފުގައި ރެއާލުން ލީޑު ނެގީ ޖޫޑް ބެލިންހަމް ޖެހި ގޯލުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް، ސެވިއްޔާ ކޯޗު މަތިއަސް އަލްމޭޑާއަށް ރަތެއް ދައްކާފައިވާ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި މަރްކާއޯއަށްވެސް ރަތް ކާޑު ދައްކާފައިވެއެވެ.

ދެވަނަ ހާފުގައި އެމްބާޕޭ ރެއާލަށް ގޯލް ޖަހައިދިނީ ޕެނަލްޓީއެއްގައެވެ.

އެމްބާޕޭގެ ގޯލަށްފަހު އޭނާ ބުނީ ރޮނާލްޑޯ ރެއާލްގައި ހޯދި ކާމިޔާބީއެއް ތަކުރާރުކުރެވުމަކީ އުފާވެރިކަމެއް ކަމަށާއި، އުފާފާޅުކުރުންވެސް ހާއްސަކުރީ ރޮނާލްޑޯއަށް ކަމަށެވެ. އޭގެ އިތުރުން އޭނާ ބުނީ ރޮނާލްޑޯއަކީ އަބަދުވެސް އައިޑަލް ކަމަށާއި، އޭނާއާ މިހާރު ގާތް ގުޅުމެއް އޮންނަ ކަމަށެވެ.