ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ 94 ޕަސެންޓު މަސައްކަތް ނިމިއްޖެއެވެ.

އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންސް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން މިއަދު ބުނީ ދިއްދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން ޖެޓީ ބަންދު ކުރުމާއި ބާ ބެންޑިންގެ މަސައްކަތް މިހާރު ކުރިޔަށްގެންދާ ކަމަށެވެ.

އެ މަޝްރޫއަކީ 88.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީގައެވެ.

21 ޑިސެމްބަރު 2025: ހއ. ދިއްދޫ ބަނދަރު އެކްސްޓެންޝަންގެ މަޝްރޫއު --- ފޮޓޯ/އެމްޓީސީސީ

އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • 49 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން
  • 768 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 898 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި ރޭމްޕެއް ހެދުން
  • 9,270 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓު ހެދުން
  • ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން
  • 78,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން
  • 58 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުން
  • 81 މީޓަރުގެ ސަރަހައްދެއްގައި ޗެނަލްގެ ބޭރުތޮށިލުން