ސޯޝަލް ހައުސިން ސްކީމްގެ ފްލެޓުތަކުން ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އަށް ގަވައިދުން ކުލި ނުދައްކާ ހިޔާ ފްލެޓްތަކުގެ ޖޫރިމަނާތައް މާފުކޮށްދީފި އެވެ.
އެޗްޑީސީގެ އިސް އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ޖޫރިމަނާތައް މާފުކޮށްދީފައިވާ ކަމަށް ލިޔުމުން ފްލެޓުތަކުުގެ ވެރިންނަށް އަންގަން މި މަހުގެ 16 ވަނަ ދުވަހު ސިޓީތައް ފޮނުވާފައިވާނެ ކަމަށެވެ.
"ހިޔާ ފްލެޓުތަކަށް ފައިސާ ދެއްކުމުގައި ސަރުކާރުން ކަނޑައަޅާފައިވާ ލުއިތަކުގެ ދަށުން، 2023 ޑިސެމްބަރުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި މި ކޯޕްރޭޝަނަށް ދައްކަންޖެހޭ ފައިސާ ވާނީ މާފުކޮށްދީފަ. ހަމަ އެ އުސޫލުން، ރައްޔިތުންނަށް އިތުރު ލުއި ފަސޭހަގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން (ފްލެޓް ނަމްބަރު) އަށް 2024 ޖެނުއަރީ އެކަކުން ފެށިގެން 30 ނޮވެމްބަރު 2025ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި މި ކޯޕްރޭޝަނަށް ދައްކަންޖެހި ނުދެއްކިވާ ފައިސާވެސް މައާފުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، މި ކޯޕްރޭޝަނުން އެފައިސާ މައާފުކޮށްދެއްވާފައިވާކަމުގައި ދަންނަވަމެވެ." އެޗްޑީސީން ޖޫރިމަނާ މާފުކުރި ކަމަށް ފްލެޓްގެ ވެރިންނަށް ފޮނުވި ސިޓީގައިވެއެވެ.
އެޗްޑީސީން އިތުރަށް ބުނީ ޖޫރިމަނާ ނުދައްކާ ފްލެޓްގެ އަދަދާއި ގަވައިދުން ކުލިދައްކާ މީހުންގެ ތަފްސީލުތައް މީޑިޔާތަކަށް އަންނަ ހަފުތާގައި ފޯރުކޮށްދިނުމަށް މަސައްކަތްތައް ކުރިޔަށްގެންދާ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިޔާ ފުލެޓް ނިންމުމަށާއި ވިނަރެސް ފުލެޓު ގަތުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވަނީ މި އަހަރުގެ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު އެމަނިކުފާނު އެކްސްގައި ކުރެއްވި ޓްވީޓެއްގައެވެ.
އެޕޯސްޓެއްގައި ވިދާޅުވީ އެ ލޯނުތަކަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިން މަޝްރޫއުތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ވާތީ އެ ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބީއެމްއެލްއާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
"އެގޮތުން ހިޔާ ފްލެޓްތަކުގެ ފިނިޝިން ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 12 ޕަސަންޓުން 10 ޕަސަންޓަށް ކުޑަ ކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހައްދަވައިދެއްވުމަށާއި، އަދި ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 9 ޕަސަންޓްއިން 8 ޕަސެންޓަށް ކުޑަ ކުރުން" ރައީސް ވިދާޅުވިއެވެ.
ބީއެމްއެލުން ވަނީ ހިޔާ ފުލެޓު ނިންމުމަށް 535 ލޯނެއް ދޫކޮށްފައެވެ. އަދި ވިނަރެސް ފުލެޓު ގަތުމަށް 26 ލޯނެއް ދޫކޮށްފައެވެ.
ފާތިމަތު ލިއުޝާ
ހިޔާ ޓަވަރު
ހިޔާ ޓަވަރު
ހިޔާ ޓަވަރު
ހިޔާ ޓަވަރު
ރައީސުން ނަކަށް ވެސް ކުލިމާފެއް ނުކޮށް ދެވޭނެ ރަށްޔެތުންގެ ފައިސާއެއް.
ކަބަލުން - 6 މަސް ކުރިން