މިއަދު މާލޭގައި ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ކަޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި މިރޭ ސީދާ ތިން ސެޓުން ބަންގްލަދޭޝް ބަލިކޮށްފިއެވެ.
ވިމެންސް ކާވާ ކަޕް މިއަދު ރާއްޖޭގައި ފެށީ ހަތަރު ޓީމާއެކުގައެވެ. އެއީ ރާއްޖެއާއި ބަންގްލަދޭޝްގެ އިތުރުން އަފްގާނިސްތާނާއި ކިރިގިސްތާނެވެ.
މިރޭ ރާއްޖެއިން ފަސޭހަކަމާއެކު ބަންގްލްދޭޝް ބަލިކުރީ 25-18، 25-12 އަދި 25-16 އިން ސެޓުތައް ގެންގޮސްގެންނެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓުގައި ބަންގްލަދޭޝްއިން ސްކޯގެ ފަރަގު ބޮޑުކުރި ނަމަވެސް، ރާއްޖެ ވަނީ ޔަގީންކަމާއެކު ކުޅެފައެވެ. ދެވަނަ ސެޓުގެ ފުރަތަމަ ކޮޅު ބަންގްލަދޭޝްއިން ހަތަރު ވަރަކަށް ޕޮއިންޓްގެ ލީޑެއް ކުޅުނު ނަމަވެސް، ރާއްޖޭގެ ފަރާތުން މާ ބޮޑު ޕްރެޝަރެއް ނެތި މެޗު ޔަގީންކުރިއެވެ.
މެޗުގައި ރާއްޖޭގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ)ގެ ގިނަ އެޓޭކްތަކެއް ފެނިގެން ގޮސްފައިވާ އިރު، ރާއްޖޭން ޖުމުލަކޮށް ޓީމް ގޭމެއް ފެނުނެވެ. ސެޓަރު ޖޫޒާން ޒަރީރުގެ ކުޅުންވެސް ފާހަގަކުރެވިގެން ގޮސްފައިވާ އިރު، ރާއްޖޭގެ ޑިފެންސިވް މަސައްކަތްވެސް މެޗުގައި ފެނުނީ ވަރަށް ރަނގަޅަށެވެ.
އޭގެ އިތުރުން މާޔާ ހުސެއިން ސޮލާހްގެ ރަނގަޅު ސާވިސްތަކެއްވެސް މެޗުގައި ފެނުނު އިރު، ނަރީމާ އިދުރީސްގެ ރަނގަޅު އެޓޭކްތަކެއްވެސް ދެވަނަ ސެޓުގައި ފެނިގެން ގޮސްފައިވެއެވެ.
ކާވާ އަންހެން މުބާރާތް މިރޭ ރަސްމީކޮށް ހުޅުވާފައިވާ އިރު، މިއަދު ހަވީރު ކުޅުނު މެޗުގައި ކިރްގިސްތާނުން ވަނީ ސީދާ ތިން ސެޓުން އަފްގާނިސްތާން ބަލިކޮށްފައެވެ. ސެޓުތައް ގެންދިޔައީ، 25-15، 26-24 އަދި 25-11 އިންނެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި، ބަންގްލަދޭޝް ނުކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. މާދަމާރޭ ރާއްޖޭން ކުޅޭ މެޗުގައި އަފްގާނިސްތާނާ ދެކޮޅަށް ކުޅޭ އިރު، އެމެޗު ފަށާނީ 20:15 ގައެވެ.
ކާވާ ކަޕް
ކާވާ ކަޕް
ކާވާ ކަޕް
ކާވާ ކަޕް