ހުޅުމާލޭ ފޭސް ދޭއްގައި ލަގްޒަރީ ހައުސިން ޕްރޮޖެކްޓެއް ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިއުލާންކޮށްފިއެވެ.

އެޗްޑީސީން އިއްޔެކުރި އެ އިއުލާނުގައި ބުނީ ލަގްޒަރީ ހައުސިން މަޝްރޫއުއެއް ހުޅުމާލޭގައި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) މިމަހުގެ 24 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުށަހަޅަންވާނެ ކަމަށެވެ.

އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރާނީ ޑިވެލޮޕްމަންޓް އެންޑް ސޭލް ރައިޓްސް މޮޑެލްއަށް އިސްކަންދީގެންކަމަށް އެޗްޑީސީން ބުންޏެވެ. ނަމަވެސް ދެ ފަރާތަށް ފައިދާވާ ގޮތެއްގެ މަތިން އެހެން މޮޑަލްތަކަށްވެސް އީއޯއައި ހުށަހެޅޭނެކަމަށް އެޗްޑީސީން ބުންޏެވެ.

މަޝްރޫއުގެ މަސައްކަތައް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލައިފި ނަމަ، މަޝްރޫއު ހަވާލުކުރާނީ އެޗްޑީސީގެ ވިޝަން އާއި މާސްޓަޕްލޭން، އެންމެ ފުރިހަމައަށް ހިމެނޭ އީއޯއައިއަކަށްކަމަށް އެޗްޑީސީން ބުންޏެވެ.

ލަގްޒަރީ ހައުސިންގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހުޅުމާލެ ފޭސް ދޭއްގެ 125،387 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފައިވާ ކަމަށާއި އެތަނުގައި 47 މީޓަރު އުހަށް އިމާރާތް ކުރެވޭނެކަމަށް އެޗްޑީސީން ބުންޏެވެ.