ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއް ގާއިމުކޮށްފިއެވެ.

އެ ސެންޓަަރުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެޗްޑީސީން އިފްތިތާހުކުރި އެސްޓޭޓް ސެކިއުރިޓީ ސާވިސަސްއާ އެވެ.

އެޗްޑީސީން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލެއަކީ ރައްކާތެރި ތަނަކަށް ހެދުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް، ވިނަރެސް ޓަވަރު 9 ގައި ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރު ގާއިމުކޮށްފައިވާ ކަމަށެވެ.

އެޗްޑީސީން މީގެ ކުރިން ބުނެފައިވަނީ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް ތައާރަފުކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މުދަލާއި، އަދި އަމިއްލަ ފަރުދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުން ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން، ސެކިއުރިޓީގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރެވިގެންދާނެ ކަމަށާއި އެސްޓޭޓް ސެކިއުރިޓީ ސާވިސަސް ތައާރަފުކުރުމުގެ ސަބަބުން ސެކިއުރިޓީ ހިދުމަތްތައް އެއް މިންގަނޑަކަށް ގެނެސް، ފަސޭހަކަމާއެކު މޮނިޓާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ބުނެފައިވަނީ އެ ޕްރޮގްރާމްގެ ސަބަބުން ސެކިއުރިޓީންނަށް ކަމާގުޅޭ ތަމްރީނުދީ، ޕްރޮފެޝަނަލްކޮށް އެ މަސައްކަތްކުރުމަށް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށާއި އެސްޓޭޓް ސެކިއުރިޓީ ސާވިސަސްގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ސެކިއުރިޓީ ނިޒާމު އިތުރަށް ހަރުދަނާކުރުމާއެކު އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން އިތުރުވާނެ ކަމަށެވެ. މިއީ ހުޅުމާލޭގެ އަމާންކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެޗްޑީސީން ދެކެއެވެ.

އެޗްޑީސީން މިހާރު ވަނީ، ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައި އެ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ވެސް ފަށައިފައެވެ.