އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ފަސޭހަކަމާއެކު ބްރެންޓްފޯޑު ބަލިކޮށްފިއެވެ.

ސިޓީން އަމިއްލަ ދަނޑުގައި ރޭ ކުޅުނު ކުއާޓާ މެޗުގައި ބްރެންޓްފޯޑު ބަލިކުރީ 2-0 އިންނެވެ. އެޓީމުން ސެމީ ފައިނަލުގައި ނުކުންނަން ޖެހޭނީ ރޭ ފުލަމް ކައިރިން މޮޅުވި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.

ނިއުކާސަލްއިން ރޭ ފަހުވަގުތު ގޯލް ޖަހައިގެން ފުލަމް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މިހާތަނަށް ލީގު ކަޕްގެ ސެމީ ޔަގީންކޮށްފައި ވަނީ ތިން ޓީމަކުންނެވެ. އެއީ ރޭ ކާޑިފް ސިޓީ ކައިރިން މޮޅުވި ޗެލްސީއާއި ސިޓީގެ އިތުރުން ނިއުކާސަލްއެވެ. ލީގު ކަޕް ސެމީގެ ފަހު ޖާގަ ޔަގީންވާނީ އާސެނަލާއި ކްރިސްޓަލް ޕެލެސް ވާދަކުރާ މެޗުންނެވެ. އެމެޗުން މޮޅުވާ ޓީމަކުން ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ރޭގެ މެޗަށް ނުކުތް އިރު، ސިޓީން އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި ބޭނުންކުރި 11 އަށް ހަތް ބަދަލެއް ގެނެސްފައިވެއެވެ. އެ ބަދަލުތަކާއެކު ސިޓީއަށް ފެށުން އުނދަގޫވި ނަމަވެސް، މަޑުމަޑުން ރަޔަން ޗެރްކީގެ ނުރައްކާ ބޮޑުވާން ފެށިއެވެ.

އޭގެފަހުން އޮސްކާ ބޮބަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އިރު، ސިޓީން ލީޑު ނެގީ 32 ވަނަ މިނެޓުގައެވެ. ޗެރްކީގެ އެ ގޯލުން ސިޓީން ލީޑު ނެގި އިރު، އޭނާ އުފާފާޅުކުރީ އާލިން ހާލަންޑްގެ ސެލެބްރޭޝަނާއެކުގައެވެ.

އެ ގޯލަށްފަހު ސިޓީން މެޗުގެ ކޮންޓްރޯލް ހޯދި އިރު، ދެވަނަ ހާފުގައި ސަވީނިއޯ ޖެހި ގޯލުން އެޓީމު މެޗު ޔަގީންކުރިއެވެ.

ނިއުކާސަލްއިން ރޭ ކުޅުނު މެޗުގައި ޔޯނޭ ވީސާ އެޓީމަށް ލީޑު ނަގައިދިން ނަމަވެސް، ސާސާ ލުކިޗް ޖެހި ގޯލުން ފުލަމް އެއްވަރުކުރިއެވެ. މެޗުން ނިއުކާސަލް މޮޅުވީ ލެވިސް މައިލޭ ޖެހި ގޯލުންނެވެ.