މުދާ ކްލިއާކުރުން އަވަސްކުރުމުގެ ގޮތުން މޯލްޑިވްސް ކަސްޓަމްސްގެ ކުލިއަރެންސް މަސައްކަތް 18 ގަޑިއިރުން 24 ގަޑިއިރަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ބައެއް ވިޔަފާރިވެރިން ވަނީ މުދާ ކްލިއާކުރުން އަވަސްކުރުމަށް ކޮށްދެވެން ހުރި ކަންކަން ކޮށްދިނުމަށް އެދި ރައީސްގެ އިރަހުން އެދިފައެވެ. އެކަމަށް ރައީސް ވަނީ މިރޭ ހައްލެއް ހޯއްދަވައިދެއްވައިފައެވެ.

"ކުލިއަރިން މަސައްކަތަށް މިހާރު މި އޮންނަނީ އެއް ޝިފްޓް ނޫނީ ދެ ޝިފްޓް މި އޮންނަނީ. ގާތްގަނޑަކަށް 18 ގަޑިއިރުގެ ކުލިއަރެންސް މަސައްކަތް މި ކުރަނީ. އެގޮތަށް އޮތުމުގެ ބަދަލުގައި ރައުންޑް އޮކްލޮކް 24 އަވާސްއަށް ބަދަލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް ވިޔަފާރިވެރިން ވަނީ ވައިގެ މަގުން ރާއްޖެއަށް ގެންނަ މުދާ ކްލިއާކުރުން ލަސްވުމުގެ ސަބަބުން ޑެމަރޭޖަށް ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމުގެ ޝަކުވާތައްވެސް ރައީސްއާ ހިއްސާ ކޮށްފައެވެ.

އެކަމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކަމާބެހޭ ބޭފުޅުންނާ މަޝްވަރާކުރެއްވުމަށް އެއާކާގޯ ޑެމަރޭޖް ނުވެ ބެހެއްޓޭ ވަގުތު އިތުރުކުރަން ނިންމަވާފައިވާ ކަމަށެވެ.

"އެމްއޭސީއެލްގެ ފަރާތުން އަޅުގަނޑު ހަމަ މިކަމުގައި އުޅުއްވާ ބޭފުޅުންނާ މިތަނުގައި މަޝްވަރާކޮށްލާފައި އަޅުގަނޑުމެން މިތަނުގައި އެ ބޭފުޅުން، މި 80 ގަޑިއިރު 124 ގަޑިއިރަށް ޑެމަރޭޖް ނާރާ ވަގުތު އިތުރުކޮށްދޭނެ އިރާދަކުރެއްވިއްޔާ، 80 ގަޑިއިރުން 124 ގަޑިއިރަށް،" ރައީސް ވިދާޅުވިއެވެ.