އަންނަ 2026 އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި މޫސާ އަލީ ޖަލީލް ކުރިމަތިލައްވައިފިއެވެ.

ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، މިދިޔަ ހޯމަ ދުވަހު ހަމަވިއިރު މާލޭގެ މޭޔަރުކަމަށް ނަން ހުށަހެޅުއްވީ އެންމެ ބޭފުޅެއް ކަމަށެވެ.

"ޕީއެންސީ ޓިކެޓުގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި މޫސާ އަލީ ޖަލީލް ކުރިމަތިލައްވާނެ. އެގޮތަށް ހަމަޖެހިފައި އޮތީ" ފަލާހު މިރޭ "ވަން"އަށް ވިދާޅުވި އެވެ.

ސިފައިންގޭގައި އޭނާ އެންމެ ފަހުން އަދާކުރެއްވި މަގާމަކީ ޗީފް އޮފް ޑިފެންސްއެވެ. އޭގެ ފަހުން ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައިވާ ސަފީރުކަން ކުރެއްވި އެވެ.

ސިފައިންގެއަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް ޖަލީލަށް މިހާތަނަށް ވަނީ ނުވަ ކުލަ އަދި 11 މެޑަލް ދެއްވައިފައެވެ.

އެގޮތުން ޖަލީލަށް ވަނީ މި ސަރުކާރުން މިދިޔަ އަހަރު ވަނީ ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް އަރުވައިފައެވެ.

މާލޭގެ މޭޔަރަކަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވަނީ މިހާރު ވެސް މޭޔަރު އާދަމް އާޒިމާއި މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.