މިފްކޯއަށް ބޮޑު ކަންނެލި ގަތުމަށް ގޮވާލައި، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން މިމަހުގެ 10 ވަނަ ދުވަހު ބޭއްވި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.
ފުލުހުން ވަނީ އެ އިހުތިޖާޖުގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ބީކޭއެމްޔޫގެ ސެކްރެޓަރީ ޖެނެރަލް އަދި އެ ޖަމިއްޔާގެ ފައުންޑާ ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރުވެސް ހިމެނެއެވެ. މައުރޫފުގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖެހިނަމަވެސް ފުލުހުން ވަނީ އެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ބަންދުން ދޫކޮށްލައިފައެވެ.
ކޯޓުން ވަނީ ދެން ހައްޔަރުކުރި މީހުންގެ ބަންދަށްވެސް ފަސް ދުވަސް ޖަހައިފައެވެ.
ފުލުހުން "ވަން" އަށް މިއަދު ބުނީ މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން މިމަހުގެ 11 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވަނީ، އިހުތިޖާޖުގައި ބައިވެރިވި މަސް ދޯނިތަކުގެ މަސްވެރިން އެހެން އުޅަނދުތައް ދަތުރުކުރުމަށް ހުރަސް އަޅައިފައި ކަމަށް ތުހުމަތުކޮށްފައެވެ.
ފުލުހުން ބުނެފައިވަނީ މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖާ ގުޅިގެން ފުލުހުން ވަނީ އިހުތިޖާޖުގެ ބައިވެރިންނާ އެކިގޮތްގޮތުން މުއާމަލާތްކޮށް އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާ ގުޅިގެން އިހުތިޖާޖުގައި ބިދޭސީން ބައިވެރި ނުކުރުމަށް އެދިފައި ކަމަށެވެ.
ފުލުހުން ބުނެފައިވަނީ އެ ސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރުބޮޑު އަދި ގިނަ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދު ކަމަށާއި މަސްވެރިންގެ އިހުތިޖާޖުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ އެހެން އުޅަނދުތަކަށް ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ.
"މާލެ ކައިރިން ދަތުރުކުރާ އެހެން އުޅަނދުތަކަށް ދަތިނުވާގޮތަށް އަމަލުކުރުމަށާއި އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށާއި މާލެގޭ ފަޅަށް ވަދެ ނުކުމެ ހަދާ އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައެވެ. ނަމަވެސް ތަކުރާރުކޮށް ފުލުހުންގެ އަންގާފައިވާ މި އެންގުންތަކަށް އިޖާބަ ނުދީ، އެކަންކަމަށް ދެކޮޅުހަދައި، މާލޭ ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރު ދަތުރުކުރުމަށް ދަތިކޮށް، ހުރަސް އަޅަން މަސައްކަތްކޮށް، މާލޭގެ އުތުރު ފަރާތު ފަޅަށް ނުވަދެވޭނެހެން ސަލާމަތީ ބާރުތަކުން ބަންދުކޮށްފައިވަނިކޮށް ފަޅަށް ވަންނަން މަސައްކަތްކުރުމާއި ފަޅަށް އެކި ބޭނުންތަކަށް ވަދެ ނުކުމެ ހަދާ އުޅަނދުތަކަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާކަން ވަނީ ފާހަގަކުރެވިފަ،" ފުލުހުން ބުނެފައިވެއެވެ.
މަސްވެރިންގެ އިހުތިޖާޖު ކުރިއަށްދިޔަ ސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރުބޮޑު އަދި ގިނަ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަކަށްވީ ނަމަވެސް، އިހުތިޖާޖުގައި ބައިވެރިވެފައިވާ ދޯނިތަކުން މެންދުރުން ފެށިގެން މުޅި ރޭގަނޑު އެއްކޮށް އެއް ނަންބަރު ޖެޓީއާ ދިމާލުން މާލެއާއި ދޫނިދޫއާ ދެމެދުގެ ކަނޑުގެ ސަރަހައްދުގައި ނަގިލި ލައި، އުޅަނދުތައް އަޅައިގެން ތިބުމުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރި އުޅަނދުތަކަށާއި އެކި ފަރާތްތަކަށް އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އިޖާބަދީފައިނުވާ ކަމަށެވެ. އަދި ބިދޭސީން އިހުތިޖާޖުގައި ބައިވެރިވަމުންދާތީ، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ބިދޭސީންގެ މައުލޫމާތު ހޯދައި ޗެކްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މެންދުރު ފަހުން ފުލުހުން ވަނީ އިހުތިޖާޖުގައި ބައިވެރިވަމުންދިޔަ ބައެއް ދޯނިތަކަށް އަރާފައި ކަމަށެވެ.
އެގޮތުން މި މަސައްކަތް ކުރުމަށްޓަކައި ފުލުހުން ދޯނިތަކަށް އެރުމުން މަސްވެރި ޔޫނިއަނުން ވަނީ އެކަމާ ދެކޮޅު ހަދައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކޮށްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އިޖާބަދީފައިނުވާތީ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އިހުތިޖާޖުގައި ބައިވެރިވި ދޯނިތަކުގެ ތެރެއިން ތިން ދޯންޏެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެކަމަށް ފުލުހުން ބުންޏެވެ. އެ ދޯނިތައް ފުލުހުން ބެލުމުގެ ދަށުން މިމަހުގެ 13 ވަނަ ދުވަހު ދޫކޮށްލިއިރު ހަމަ އެ ދުވަހު ފުލުހުން ވަނީ މަސްދޯނިތަކުގައި މަސައްކަތްކުރަމުންދިޔަ ހަަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް