ރާއްޖޭގައި، ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގެ ފުރާޅު މައްޗަށް އެރި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ، ގ. ފައިނުގެ، ލޫތު ހުސައިން ޝިފާއު (19) އެވެ. ފުލުހުން އޭނާއަށް ކުރަނީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ތުހުމަތެވެ.

ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

އޭނާ ކޯޓުގައި ބުނީ، އެ ތަނަކީ ސައުދީގެ އެމްބަސީކަން ނޭނގޭ ކަމަށާއި އެ އިމާރާތުގެ ބޭރުގައި އެފަދަ ނިޝާނެއް އިންކަމެއްވެސް ފާހަގަނުކުރެވޭ ކަމަށެވެ. އެމްބަސީގެ ފުރާޅު މައްޗަށް އެރީ ފޮޓޯއެއް ނަގަން ކަމަށާއި ފުރާޅު މައްޗަށް އެރުމަށްފަހު 10 ވަރަކަށް މިނެޓު ތެރޭގައި އެތަނުން ފައިބައިފައިވާނެ ކަމަށެވެ.

ފުރާޅު މަތީގައި ހުރިއިރު މީހުން އޭނާއާ ދިމާލަށް ބަލަމުންދާތީ ކުރެވުނީ ރަނގަޅުކަމެއް ނޫން ކަމަށް އެނގިގެން އެތަނުން ފޭބީކަމަށް އޭނާ ބުންޏެވެ.

ކުށުގެ ރިކޯޑެއް އެއްވެސް އިރެއްގައި ނޯންނާނެ ކަމަށާއި އެމްބަސީގެ ފުރާޅުމައްޗަށް އެރުނީތީ މައާފަށް އެދޭކަމަށް އޭނާ ބުންޏެވެ.

ފުލުހުން ވަނީ އޭނާއާ ދެކޮޅަށް ހެކިންގެ ބަޔާނާއި، ސީންގައި ހަރަކާތްތެރިވި ފުލުހުންގެ ބަޔާނާއި، ސީސީޓީވީ ފޫޓޭޖު އަދި އިންޓެލިޖެންސް ރިޕޯޓު ހުށަހަޅައިފައެވެ.

އެހެންވެ ކޯޓުން ނިންމީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާގެ ބަންދަށް ފަސް ދުވަސް ޖެހުމަށެވެ.