ހުކުރު ދުވަހު ރާއްޖޭގައި ފަށަން ތައްޔާރުވެފައިވާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ކަޕްގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ ވާދަކުރަން ޖެހިއްޖެއެވެ.

ކާވާ ކަޕް މިފަހަރު ރާއްޖޭގައި ކުރިއަށްދާނީ މި މަހު 19-25 އަށް ސޯޝަލް ސެންޓަރު އިންޑޯ ކޯޓުގައެވެ. މެޗުތައް ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ އިރު، މުބާރާތުގައި ރާއްޖެއާއި ބަންގްލަދޭޝްގެ އިތުރުުން ދެން ވާދަކުރަނީ އަފްގާނިސްތާން، ތުރުކުމެނިސްތާން އަދި ކިރްގިސްތާނެވެ.

ކާވާ ކަޕް ހުކުރު ދުވަހު ހަވީރު ފަށާ އިރު، ފަށާނީ ކިރިގިސްތާނާ އަފްގާނިސްތާން ވާދަކުރާ މެޗުންނެވެ. އެމެޗު ހަވީރު އޮތް ނަމަވެސް، ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ އެރޭ ރާއްޖެ ކުޅޭ މެޗުގެ ކުރިންނެވެ.

ރާއްޖެއިން ބަންގްލަދޭޝްއާ ދެކޮޅަށް ފުރަތަމަ މެޗުގައި ކުޅުމަށްފަހު ދެން ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ. އެއީ ހޮނިހިރު ދުވަހުގެ ރޭގައެވެ. އޭގެފަހުން ލީގު ބުރުގައި ތުރުކުމެނިސްތާނާ ދެކޮޅަށް އާދީއްތަ ދުވަހުގެ ރޭ ނުކުންނަ އިރު، ރާއްޖެއިން ކިރިގިސްތާނާ ދެކޮޅަށް ނުކުންނާނީ ޑިސެމްބަރު 24 ވާ ބުދަ ދުވަހުގެ ރޭގައެވެ.

މުބާރާތުގެ ފޯމެޓް އޮތް ގޮތުން ލީގު ބުރު ނިމޭ އިރު، އެއްވަނަ އަދި ދެވަނަ ޓީމު ރަން މެޑަލް މެޗު (ފައިނަލް މެޗު) ކުޅޭ އިރު، ދެން ތިންވަނައާއި ހަތަރު ވަނަ ޓީމު ކުޅޭނީ ލޯ މެޑަލް މެޗެވެ. އެ ދެމެޗު އޮންނާނީ ޑިސެމްބަރު 25 ގައެވެ. އެރޭ ރަން މެޑަލް މެޗު އޮންނަ އިރު، ބްރޯންޒް މެޑަލް މެޗު އޮންނާނީ އެދުވަހު ހަވީރުއެވެ.

ރާއްޖޭގެ އަންހެން ޓީމުން ކޯޗު، މުހައްމަދު ނަދީމް (ނަދީމްބެ)އާއެކު މަސައްކަތް ކުރަމުން އަންނަ އިރު، ޓީމުން ވަނީ ދާދިފަހުން ތައިލެންޑްގައި ތަމްރީނު ކޭމްޕެއް ފުރިހަމަ ކޮށްފައެވެ.

މުބާރާތަށް ނެގި އަންހެން ސްކޮޑުގައި ހިމެނެނީ ފާތިމަތު ޖޫޒާން ޒަރީރު، ފާތިމަތު އަނާލް، އައިމިނަތު ޝަހާ ޝާމިން، އައިމިނަތު އަރީޝާ، ހައްވާ ސަހާ، މަރިޔަމް އަޒުމާ، މާޔާ ހުސެއިން ސޮލާހު، ހައްވާ ރާޝިދާ، ނަރީމާ އިދުރީސް، މައިހާ އަލީ، އައިމިނަތު މާނާ ނާޒިމް، ހައިފާ އިމާދު، މަނާލް އިސްމާއިލް ރަޝީދު އަދި މަރިޔަމް ރިޝްފާއެވެ.

އޭގެ ތެރެއިން އަނާލް ޓީމަށް ނެގީ، ތަމްރީނު ކޭމްޕަށް ދާން އުޅެނިކޮށް ފާތިމަތު ޝަމްހާއަށް ސީރިއަސް އަނިޔާއެއް ލިބުމުން އޭނާގެ ބަދަލުގައެވެ.