ޝަރީއަތް ބޭނުންކޮށްގެން މީޑިއާތަކުގައި ހެޑްލައިން ހެދުމުގެ ފުރުސަތު މުހައްމަދު ޝަމްއާން ވަހީދަށް ނުދެވޭނެ ކަމަށް ކުރިމިނަލް ކޯޓުގައި ޝަމްއާންގެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ވިދާޅުވެއްޖެއެވެ.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަހަރުގެ މާޗު 23 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

ޝަމްއާންގެ ފަރާތުން ބަންދުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް މިއަހަރުގެ މާޗް މަހުގެ 28 ގައި ނިންމި ނަމަވެސް ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމުން ނިންމީ މައްސަލަ ބަލައިގަތުމަށެވެ. މައްސަލަ ބެލުމަށްފަހު ހައިކޯޓުންވެސް ނިންމީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ.

ޝަމްއާންގެ ފަރާތުން އެ ދެ އަމުރުވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގައި އެ މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 15 ގައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބެލުމަށްފަހު މިއަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު ހުކުމްކުރީ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.

ޝަމްއާންގެ މައްޗަށް ކުރާ ދައުވާތަކުގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިމަހުގެ ތިންވަނަ ދުވަހުގައެވެ. އެ އަޑުއެހުމުގައި ދައުލަތުން ހުށަހަޅާ ބައެއް ހެކިވެރިންގެ ހެކިބަސްވަނީ ނަގައިފައެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި އިމިގްރޭޝަން ކޮންޓްރޯލާ ބިއުރޯގެ މުވައްޒަފެއްގެ ހެކިބަސް ނެގުމަށްވަނީ ޝަރީއަތަށް ހާޒިރުކޮށްފައެވެ. އެ މުވައްޒަފަކީ ޝަމްއާން އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުރިއިރުވެސް ކޮންޓްރޯލާ ބިއުރޯގައި މަސައްކަތްކުރި މުވައްޒަފެކެވެ.

އެ ހެކިވެރިޔާއާ ސުވާލުކުރަން ލިބުނު ފުރުސަތުގައި ޝަމްއާން ކުރެއްވި ސުވާލު އަމާޒުކުރެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ލައްވައި ގާނޫނާހިލާފު ކަންތައްތަކެއް ކުރައްވަން އެންގި ކަމަށް ތުހުމަތުކޮށް އެކަމާ ގުޅިގެންނެވެ.

ނަމަވެސް އެއީ ޝަމްއާނަށް ކުރެވޭނެ ސުވާލެއް ނޫންކަން ދައުލަތުންވަނީ ފާހަގަކުރައްވައިފައެވެ. ގާޒީވެސް ވަނީ އެއީ ކުރެވޭނެ ސުވާލަކަށް ނުވާތީ އެ ސުވާލު އިތުރަށް ކުރިއަށް ގެންދިޔުން ހުއްޓުވައިފައެވެ.

ގާޒީ ވިދާޅުވީ ހެކިވެރިންނާ ސުވާލު ކުރުމާއި ދިފާއުގައި މަސައްކަތް ކުރުމާއި އަދި ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ޝަމްއާނަށްވެސް ލިބޭނެ ކަމަށެެވެ. ނަމަވެސް މީޑިއާގައި ހެޑްލައިންތައް ހެދުމަށް ޝަރީއަތް ބޭނުން ކުރުމުގެ ފުރުސަތު ނުދެވޭނެކަމަށް ގާޒީ ވިދާޅުވިއެވެ. އަދި ގާޒީ ވިދާޅުވީ ޝަރީއަތަކީ ވަކި ބަޔަކަށް މެސެޖު ދިނުމަށް ބޭނުންކުރާ ވަސީލަތެއްކަމަށްވެސް ނުހެދޭނެ ކަމަށެވެ.

އެފަދަ ކަންކަން ތަކުރާރުވާނަމަ ޝަރީއަތުން ފިޔަވަޅު އަޅާނެކަމަށް ގާޒީ ވިދާޅުވިއެވެ. އިތުރަށް ގާޒީ ވިދާޅުވީ ހެކިވެރިންނާ ސުވާލުކުރުމުގެ އިދާރާގެ ބޭރުން ސުވާލުކުރާނަމަ ދެން ޝަމްއާނަށް ހެކިވެރިންނާ ސުވާލު ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.

ކޮންޓްރޯލާ ބިއުރޯގެ މުވައްޒަފު ހެކިބަސް ދެމުން ބުނީ މި މައްސަލައިގައި ހިމެނޭ ބިދޭސީ މީހާ އިމިގްރޭޝަންގެ ޑިޓެންޝަންގައި ވަނިކޮށް، އެ ބިދޭސީ މީހާ ދޫކޮށްލުމަށް އެދި ސިޓީއެއް ލިބުނު ކަމަށެވެ. ޝަމްއާންވަނީ އެ ސިޓީ ބެލުމަށްފަހު، އެ ބިދޭސީ މީހާ ދޫކޮށްލުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައިފައިކަމަށް ހެކިވެރިޔާ ބުންޏެވެ. ދޫކޮށްލުމުގެ ކުރިން ބިދޭސީ މީހާގެ ބަޔާން ނެގުމަށްވެސް އެނގިކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާތީ އޭނާގެ ބަންދު މުރާޖާކޮށްދިނުމަށް ދިފާއުން އެދިފައިވެއެވެ. ނަމަވެސް ގާޒީ ވިދާޅުވީ ބަންދު މުރާޖާއާކުރުން ބާއްވާނީ އެހެން ދުވަހަކު ބާއްވާ އަޑުއެހުމެއްގައި ކަމަށެވެ.