އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާ ބައްދަލުކުރުމަށް މުމްބާއީއަށް ދިޔައީ ސަޕޯޓަރެއްގެ ގޮތުގައި ކަމަށް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ބުނެފިއެވެ.

ޗެތުރީ، 41، މެސީއާ ބައްދަލުކޮށްފައި ވަނީ "ގޯޓް ވިސިޓް އިންޑިއާ ޓުއާ"ގެ ތެރެއިންނެވެ. އެ ޓުއާއަކީ އިންޑިއާގެ ވިޔަފާރި ވެރިންނާއި ސިޔާސީ ވެރިންވެސް އެކުވެގެން މެސީ އެގައުމަށް ގެންގޮސް، ހާއްސަ އިވެންޓްތަކެއް ކުރިއަށް ގެންދިޔުމަށް ބޭއްވި ހާއްސަ ޓުއާތަކެކެވެ. އެ ޓުއާތަކުގެ ތެރެއިން މުމްބާއީގެ އިތުރުން ހައިދްރައާބާއާއި ކަލްކަތާގައިވެސް ހާއްސަ އިވެންޓްތައް ބާއްވާފައިވެއެވެ.

ކަލްކަތާގެ އިވެންޓްގައި އޮގަނައިޒަރުންނާ ދެމެދު ނުރުހުން ފާޅުކޮށް، ހަމަނުޖެހުމަކަށްވެސް ގޮސްފައިވެއެވެ. އެއީ ސިޔާސީ ފަރާތްތަކުން މެސީ ބޭނުންކޮށް، ޕްރޮމޯޓް ކުރުމަށް މާ ބޮޑަށް މަސައްކަތް ކުރި ކަމަށް ބުނެއެވެ.

އިންޑިއާގެ ފުޓުބޯޅަ ގޯސް ހާލަތެއްގައި އޮތް އިރު، ހަބަރުތައް ބުނީ އެ އިވެންޓްގައި ބައިވެރިވުމަށް ޗެތުރީއަށް ފުރަތަމަ ދިން ދައުވަތަށް އޭނާ އިންކާރު ކުރި ކަމަށެވެ. ހަބަރުތައް ބުނީ ޗެތުރީ އެ ދައުވަތަށް އިންކާރު ކުރީ ގައުމުގެ ފުޓުބޯޅަ ހުއްޓިފައި އޮތް ވަގުތެއްގައި ޕީއާރް ރަނގަޅު ކުރުމަށް ހަރަދުކުރާތީ އެކަމާ ހިތްހަމަ ނުޖެހޭތީ ކަމަށެވެ.

އެގޮތަށް ހަބަރުތައް ފެތުރިފައި ވަނިކޮށް، ޗެތުރީ ވަނީ މުމްބާއީއަށް ގޮސް، މެސީއާ ބައްދަލުކޮށްފައެވެ. މުމްބާއިގެ ވަންކެޑޭ ސްޓޭޑިއަމްގައި ކުރިއަށްދިޔަ އިވެންޓްގައި މެސީ ވަނީ ޗެތުރީއަށް އޭނާ ސޮއިކުރި ޖާޒީއެއްވެސް ހަދިޔާކޮށްފައެވެ.

އެ އިވެންޓްގެ ތެރެއިން އިންޑިއާގެ ކްރިކެޓް ލެޖެންޑް، ސަޗެން ޓެންޑުލްކާއާވެސް ބައްދަލުކޮށް، އެކިއެކި ފަންނާނުންނާވެސް ބައްދަލުކޮށްފައިވެއެވެ.

އެ ބައްދަލުވުމަށްފަހު ޗެތުރީ ކުރި ޕޯސްޓެއްގައި ބުނީ އިވެންޓްގައި ބައިވެރިވުމަށް އޭނާ ދިޔައީ އަމިއްލަ ނަފުސާ ހަނގުރާމައެއް ކުރަމުން ކަމަށެވެ. އެގޮތުން ފުޓުބޯޅަ ސަޕޯޓަރު ޗެތުރީއާއި ޕްރޮފެޝަނަލް ކުޅުންތެރިޔާ ޗެތުރީއާ ދެމެދު ހިނގި ކުޑަ ހަނގުރާމައިން މޮޅުވީ ސަޕޯޓަރު ކަމަށްވެސް އޭނާ ބުންޏެވެ.

ޗެތުރީ ބުނީ އިވެންޓްގައި ބައިވެރިވީ އަނިޔާގައިވެސް ހުރެގެން ކަމަށާއި، އެ ހުރިހާ ކަމެއް ބަހައްޓާފައި ހިތްވަރާއެކު އިވެންޓްގައި ބައިވެރިވީ އޭނާގެ ހަޔާތުގައި ވެސް ދެން އަލުން ނުލިބިދާނެ ފަދަ ފުރުސަތަކަށް ވާތީ ކަމަށެވެ.

ޗެތުރީ ބުނީ މެސީއާ ބައްދަލުކުރުމަކީ ހުވެފެނެއް ހަގީގަތަކަށްވުން ކަމަށާއި، މެސީ ފުޓުބޯޅައަށް ކޮށްދިން ހިދުމަށް އޭނާގެ ފަރާތުން އަޑު އެހުމަކީ އާދަޔާހިލާފު އިހުސާސެއް ކުރެވުނު ކަމެއް ކަމަށެވެ. މެސީއާ ޗެތުރީ ބައްދަލުކުރުމުގެ ތެރެއިން ޓުއާގައި ހިމެނޭ އާޖެންޓީނާގެ ރޮޑްރީގޯ ޑި ޕޯލްއާއި ލުއިސް ޝުއަރޭޒާވެސް ޗެތުރީއާ ބައްދަލުވެފައިވާ އިރު، އޭނާ ބުނީ އެ ކުޅުންތެރިންނާ ބައްދަލުވުންވެސް ހާއްސަ ކަމަށެވެ.