ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރަކަށް އިމޭޖަސް އެމްވީ އަދި ކްލީނިން ޕާޓްނަރަކަށް ޖޮބަޓްރީ ސާވިސް ހަމަޖައްސައިިފިއެވެ.

ފޮޓޯގްރަފީ ޕާޓްނަރަކަށް އިމޭޖަސް އެމްވީ ހަމަޖައްސައި، އެކަމުގެ އެއްބަސްވުުމުގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ރައީސް ރިލްވާން މޫސާއެވެ. އިމޭޖަސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އިސްމާއިލް ތޯރިގު (އިއްސެ) އެވެ.

އިމޭޖަސްއަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުނީއްސުރެންވެސް އެ މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައި އެންމެ ގާތުން މަސައްކަތް ކުރަމުން އަންނަ ބްރޭންޑެވެ. ރާއްޖޭގެ ކުޅިވަރު ފޮޓޯގްރަފީގައި އެންމެ އިތުބާރު ބޮޑު އިމޭޖަސް އެމްވީގެ ފަރާތުން އިއްސެ ބުނީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ 10 ވަނަ މުބާރާތަކީ އިމޭޖަސްއަށްވެސް ވަރަށް ހާއްސަ މުބާރާތެއް ކަމަށާއި، ކަވަރޭޒް ވީހާވެސް ފުރިހަމައަށް ގެނެސްދިނުމަށްޓަކައި، މުބާރާތް ބާއްވާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނާއި އެހެނިހެން ޕާޓްނަރުންގެ އިތުރުން، މުބާރާތުގައި ކުޅޭ ޓީމުތަކާއި ކުޅުންތެރިންނަށް ހާއްސަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ.

އިއްސެ ބުނީ އިމޭޖަސްއިން ގޯލްޑަންއާއެކު މުބާރާތުގެ އިންތިޒާމުތަކަށްވެސް މަސައްކަތް ކުރާ ކަމަށާއި، އަބަދުވެސް ކުރަމުންދާ އިތުބާރު ފާހަގަކުރަން ބޭނުންވާ ކަމަށެވެ.

އިމޭޖަސްއިން މިހާރުވެސް ކުޅިވަރު ފޮޓޯގްރަފީގައި ރާއްޖޭގެ އެކި ކަންކޮޅުތައް ކަވަރު ކުރަމުން އަންނަ އިރު، ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް އިމޭޖަސް މަސައްކަތް ކޮށްފައިވެއެވެ. އިމޭޖަސްއަކީ ގިނަ ބައެއްގެ ނަޒަރުގައި ރާއްޖޭގެ އެއްވަނަ ފޮޓޯ އެޖެންސީއެވެ. އަދި އެ ކުންފުންޏަކީ ކުޅިވަރު ފޮޓޯއަށް އިންގިލާބީ ބަދަލެއް ގެނެސްދިން ކުންފުންޏެއްވެސް މެއެވެ.

ކްލީނިން ޕާޓްނަރެއްގެ ގޮތުގައި މިފަހަރުވެސް ސޮއިކުރި ޖޮބެޓަރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ސައުދުﷲ އަހުމަދު ހަސަން ދީދީއެވެ. އަދި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ރައީސް ރިލުވާނެވެ.

ސައުދުﷲ ވިދާޅުވީ މިފަހަރުވެސް ޕާޓްނަރެއްގެ ގޮތުގައި ހަމަޖެހިގެން ދިޔަ ދިޔުުމަކީ އެންމެފަހުން މުބާާރާތުގައި އުފެދުނު ގާތް ގުޅުން ކަމަށާއި، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް ހަރަކާތުގައި ޝާމިލުވެވުމަކީ ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

facebook.com/reel/1576771433237024/?s=single_unit

ގޯލްޑަން ފުޓްސަލް ޗެލެންޖް މިފަހަރުވެސް މަހަކަށްވުރެ ގިނަ ދުވަހަށް ކުރިއަށްދާނެއެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އަހަރު ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ރޭގައެވެ. މެޗުތައް ކުރިއަށްދާނީ ރެހެންދި ފުޓްސަލް ދަނޑުގައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ހާއްސަ އެއްކަމަކީ އަހަރުން އަހަރަށް މުބާރާތުގެ ފެންވަރު ރަނގަޅުވަމުން ދިޔުމެވެ. މުބާރާތަށް ރަށް ރަށުން އިތުބާރުކޮށް، ފުރިހަމައަށް ތައްޔާރުވާ އެއް ސަބަބަކީވެސް އެއީ ކަމަށްވީ އިރު، މިފަހަރުގެ މުބާރާތަށްވެސް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ދަނީ ފުރިހަމައަށް ތައްޔާރުވަމުންނެވެ.

މިފަހަރުވެސް 119 ޓީމަކުން ވާދަކުރާ އިރު، ގާތްގަނޑަކަށް 280 އަށްވުރެ ގިނަ މެޗު މިފަހަރުވެސް ކުޅޭނެއެވެ.

މިފަހަރު މުބާރާތް އިތުރަށް ފުރިހަމަ ކުރުމަށް ފުޓްސަލްގެ ބައިނަލްއަގުވާމީ ގަވާއިދުގައި ތަން ދޭ އުސޫލުން ވީޑިއޯ ސަޕޯޓްގެ ބޭނުން ކުރުމަށްވެސް ދަނީ މަސައްކަތްތައް ކުރަމުންނެވެ.

މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" ހަރަކާތްތެރިވާނެއެވެ.