ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާތީ، ނޯތު ހާބަރުގެ އިރުމަތީ ފަރާތުން ކަނޑު އުޅަނދުތައް ނަގަން އަންގައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ކުރި އިއުލާނުގައި ބުނީ ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ފަށައި ތިން މަސްދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ ކަމަށާއި މާލޭ ނޯތު ހާބަރު ސަރަހައްދު ބޮޑުކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

ތިން ބަޔަކަށް ބަހާލައިގެން ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ކުރިއަށްގެންދާ އިރު، ފުރަތަމަ ބައިގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ނޯތު ހާބަރުގެ އިރުމަތީ ކޮޅުން ފެށިގެން ހުޅަނގަށް 100 މީޓަރުގެ ސަރަހައްދެއްގައި ކަމަށް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލުން ބުނީ އެ ސަރަހައްދުގައި ބަނދަރުކޮށްފައި ހުރި އުޅަނދުތައް އަންނަ ހުކުރު ދުވަހުގެ ރޭ މެންދަމު 12:00 ގެ ކުރިން ނަގަން އަންގާ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެންގަމްޓުގެ ދަށުން ވަނީ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީމައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި އެ މަގު ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފައެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.