ލ. ފޮނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 81 ޕަސެންޓު މަސައްކަތް ނިންމައިފިއެވެ.

އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ އެ މަޝްރުއުގެ ދަށުން މިހާރު ކުރިއަށްގެންދަނީ ތާރު އެޅުމާއި ސްޓޯމް ވޯޓާ ޑްރެއިނޭޖް އަދި ޕަމްޕް ސްޓޭޝަން އިންސްޓޯލް ކުރުމުގެ މަސައްކަތްތައް ކަމަށެވެ.

ފޮނަދޫ މަގު ހެދުމުގެ މަސައްކަތް 53.9 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ 2022 ވަނަ އަހަރުގެ މާޗު 22 ގައެވެ.

އެ މަޝްރޫއުގެ ދަށުން 27،179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި 10،392 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުން ހިމެނެއެވެ. އޭގެ އިތުރުން ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.