ހުޅުމާލެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 31 ހެކްޓަރުގެ ބިން ހިއްކައިި ނިމިފައިވާ ކަމަށާއި އެ މަސައްކަތް ކުރިއަށް އޮތް ދޮޅުމަސްތެރޭ އެއްކޮށް ނިންމައިލެވޭނެ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

ހުޅުމާލޭގެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، މިދިޔަ މަހުގެ 10 ގައި ވަނީ އަލުން ފަށައިފައެވެ. އެ މަސައްކަތް މީގެ ކުރިން މެދުކެނޑިފައިވަނީ އެ މަސައްކަތް ހަވާލުކުރި ކުންފުނި ކަމަށްވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮންޕެނީ (ސީއެމްސީސީ)އިން އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލުމުގެ ސަބަބުންނެވެ.

އެމްއޭސީއެލުން އިއްޔެ ބުނީ ކުރިއަށްއޮތް ދޮޅު މަސްތެރޭ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ފުރިހަމަކޮށް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި 63 ހެކްޓަރުގެ ތެރެއިން މިހާރު 31 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށެވެ. އެއީ މަޝްރޫއުގެ 49.2 ޕަސަންޓުގެ މަސައްކަތެވެ.

ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އިތުރު ޑްރެޖަރެއް ގެނެސް، މިދިޔަ މަހުގެ 28 އިން ފެށިގެން އެ މަސައްކަތްކުރަމުންދަނީ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އޭރު ވިދާޅުވެފައިވާ ގޮތުގައި މިމަހުގެ ނިޔަލަށް ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެއެވެ.

ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިމަހުގެ އަށްވަނަ ދުވަހު ކަލާފާނު ސްކޫލުގައި ބޭއްވި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ މިމަހުގެ ހުޅުމާލޭ ފޭސް ތިނެއްގެ މަސައްކަތް ނިމުމާއެކު، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތަށް އެ ޑްރެޖަރުތައް ދާނެ ކަމަށާއި އަދި ގިރާވަރުފަޅުގެ މަސައްކަތް ވެސް ތިން މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ. ހުޅުމާލޭ ފޭސް ތިނަކުން އަންނަ މަހު ގޯތިތައް ހަވާލުކުރަން ފެށޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

14 ޑިސެމްބަރު 2025، ހުޅުމާލޭ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް --- ފޮޓޯ/ އެމްއޭސީއެލް

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތަށް އިތުރު ޑްރެޖަރެއް ގެނައުމުގެ އިތުރުން ރަސްމާލެ ހިއްކުމަށް ވެސް ވަނީ ޑްރެޖަރެއް ގެނެސްފައެވެ. އެއީ ދުނިޔޭގައި ހުރި އެންމެ ބޮޑެތި ދެ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ކަމަށްވާ، ޖާން ޑެ ނަލް ކުންފުނީގެ "ކްރިސްޓޯބަލް ކޮލޯން" އެވެ. އެ ޑްރެޖަރުން ރަސްމާލެ ހިއްކަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް ވެސް އަންނަ މާޗް ނުވަތަ އޭޕްރީލް މަހު އެއްކޮށް ނިންމައިލެވޭނެއެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ގިނަ މަޝްރޫއުތައް ކުރިއަށްގެންދާ ރަސްމާލެ ތަރައްގީކުރަނީ ޕްލޭންގައި 25،000 ގޯތިދިނުމަށް ހިމަނައިގެންނެވެ. އެގޮތުން އެތަނުން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން 10،000 ގޯތި ދޫކުރަނީ މާލޭގެ ރަށްވެހިންނަށެވެ. އަދި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި މާލޭގައި ދިރިއުޅޭ އެކި ރަށްރަށުގެ މީހުންނަށް 3،000 ގޯތި ހާއްސަކުރުމަށް ވެސް ވަނީ ނިންމައިފައެވެ. އެ ގޯތިތަކަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ.