މެދުފަންތީގެ އާއިލާތަކަށް އަމާޒުކޮށްގެން ހުޅުމާލޭގައި ތަރައްގީކުރާ 1,000 ހައުސިން ޔުނިޓުގެ މަޝްރޫއު، ދިވެހި ފަސް ކުންފުންޏަކާ ހައުސިން މިނިސްޓްރީން ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިރޭ ބުނީ އެ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ އިތުރުން ވަން ރިއަލިޓީ އާއި މެޑްޓެކް މޯލްޑިވްސް ހިމެނޭ ޖޭވީއަކާއި، ފްލެކްސިން، އޮކްސްރޯ، ސޮލެކްސް އަދި ބީވާ ބިލްޑާސް ގުޅިގެން އުފައްދާފައިވާ ޖޭވީ ޕާޓްނާޝިޕަކާއެވެ.

އެ ހުރިހާ ކުންފުނިތަކަކީ ވެސް 100 ޕަސެންޓް ދިވެހި ކުންފުނިތަކެއްކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. މަޝްރޫއުގެ ދަށުން ކޮންމެ ކުންފުންޏަކަށް ހުޅުމާލެއިން އެއް ޕްލޮޓް ހަވާލުކޮށްފައިވާއިރު، މަސައްކަތް ނިންމުމަށް ދީފައިވަނީ 30 މަސް ދުވަހުގެ މުއްދަތެއްކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ތަނުން ދެ ކޮޓަރީގެ ފުލެޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާ ކަމަށާއި، އަދި ތިން ކޮޓަރީގެ ފުލެޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ފުލެޓުތަކަށް އެދި ހުށަހެޅޭނީ ސަރުކާރުން މިހާރު އިއުލާނުކޮށްފައިވާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށްކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ބޯހިޔާވެހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ދަށުން، މިދިޔަ ޖަނަވަރީ މަހު ވަނީ 7,900 ފުލެޓާއި 15,000 ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. މީގެ އިތުރުން ބީއެމްއެލްގެ ދަށުން އުފެއްދި ކުންފުންޏަށްވެސް ވަނީ 3,000 ފުލެޓް އެޅުމަށް ހަވާލުކޮށްފައެވެ.