ރ. ދުވާފަރު ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ދުވާފަރު ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ދުވާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.

އެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި ދުވާފަރު ކައުންސިލުގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ދުވާފަރު ޕޮލިސް ސްޓޭޝަންގެ ވަށާފާރު ރޭނުމާއި އޮފީސް އިމާރާތްކުރުމާއި ގައިދީން ބަހައްޓާނެ ޖާގަ އަދި ގަރާޖެއްގެ މަސައްކަތް ހިމެނެއެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 36.03 މިލިއަން ރުފިޔާއަށް 360 ދުވަހުގެ ތެރޭ ނިންމައި ހަވާލުކުރާ ގޮތަށެވެ.