މަސްވެރިކަމުގެ ދާއިރާގެ ބައެއް މަސައްކަތްތައް ލަސްވަނީ ސަރުކާރުން އެކަމަށް އަޅައިނުލާ އޮވެގެން ނޫން ކަމަށާއި ބައެއް މަސައްކަތްތައް ލަސްވަނީ އިގުތިސާދީގޮތުން ކުރިއަރައިގެންދާނެ ގޮތަށް ވިސްނައިގެން ކުރަން ޖެހޭތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަހާ ގުޅިގެން، މަސްވެރިންނާ ބައްދަލުކުރެއްވުމަށް ރ. ދުވާފަރުގައި މިއަދު ބޭއްވި މަސްވެރިންގެ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންކަމަކީ ރާއްޖޭގެ އިގުތިސާދު އެކަމަކަށް ފައްކާވީމަ ކުރެވެން ހުރި ކަންކަން ކަމަށާއި ބައެއް މަޝްރޫއުތަކަކީ ބޭރުގެ ބައެއް ލޯނުތަކާ ގުޅިފައި ހުރި މަޝްރޫއުތައް ކަމަށެވެ.
ކޫއްޑޫގައި ކުރާ މަސައްކަތްތަކާއި އެހެން ތަންތަނުގައި ފެށިފައި ހުރި މަސައްކަތްތައް ނުވަތަ ފަށަން ހުރި ބައެއް މަސައްކަތްތައް ބޭރުގެ އެހީއާ ގުޅިފައި ހުރި ކަމަށާއި އެހެންކަމުން އެކަންކަން ފުރިހަމަކުރުމަށްޓަކައި ވަރަށް ގިނަ ދުވަސްތައް ނަގާފައި ހުންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއީ ސަރުކާރުން ވަކި ކަމެއް ގޯސްކޮށްކޮށްގެންނެއްވެސް ނޫން. އަދި އެ ފަރާތްތަކުން ކަމެއް ގޯސްކޮށްކޮށްގެންނެއްވެސް ނޫން. ހަމަ އެ އޮންނަ ޑިއު ޕްރޮސެސް. ވަކި މަސްވެރިކަމުގެ އިންޑަސްޓްރީ ވެގެންވާ ގޮތެއްވެސް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އައިސްޕްލާންޓުތަކާއި ބައެއް ފެކްޓަރީތަކުގެ މަސައްކަތް ފެށުމުގައި ލަސްތަކެއް އުޅެނީ ބޭރުގެ އެހީތަކާ ގުޅިފައި ހުރުމުން ކަމަށާއި ނަމަވެސް އޭގެ ތެރެއިން ގިނަ މަސައްކަތްތައް ނިމި، މިހާރު ވަނީ އަމަލީ މަރުހަލާއަށް ގޮސްފައި ކަމަށެވެ. އަދި ގިނަ މަސައްކަތްތަކެއްގެ އަމަލީ މަސައްކަތްތައް މިހާރު ފެށިފައިވާކަން ފެނިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެއީ އެއްގޮތަކަށްވެސް މި އިންޑަސްޓްރީއަށް ފަރުވާކުޑަ ކޮށްގެންވާ ކަމެއް ނޫން. ނޫނީ އަޅައިނުލާ ދޫކޮށްލާފައިވާ ކަމެއްވެސް ނޫން. މި ބައެއް ކަންކަމުގައި މިދެންނެވި ގިނަ ވަގުތު ނަގަނީ އެކަމުގައި އިގުތިސާދީ ގޮތުން ކުރިއަށް ގެންދަން ހުރި ކަންކަމަށް. އިގުތިސާދު ކުރިއަރައިގެންދާނެ ގޮތަށް ވިސްނައިގެން ކުރަންޖެހޭ ކަންކަންވީމަ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މަސްވެރިން ފާޅުކުރާ ހިޔާލާއި ކަންބޮޑުވުންތަކަކީ ބޭކާރުވެގެންދާ ކަންކަމަށް ވެގެންނުދާނެ ކަމަށާއި އެކަންކަމަށް ސަރުކާރުން ވަރަށް ސަމާލުކަންދީގެން މަސައްކަތްކުރަމުންގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު