ރ. ދުވާފަރުގައި 50 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ހައުސިން ޑިވެލޮޕމްނަޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފިއެވެ.

ދުވާފަރުގައި 50 ހައުސިން ޔުނިޓް ތަރައްގީކުރުމަށް އެޗްޑީސީއާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ދުވާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ހައުސިން ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޗްޑީސީން ދަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިޔަށްގެންދަމުންނެވެ. އޭގެ އިތުރުން ސަރުކާރުން ވަނީ އެހެން ކުންފުނިތަކާ ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހަވާލުކޮށްފައެވެ.

މިއަހަރުގެ އެޕްރީލް މަހުގެ 22 ގައި ސަރުކާރުން ވަނީ 57 ރަށެއްގައި ހަދާ ހައުސިން ޔުނިޓުތައް އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް ވެސް އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ދުވާފަރުގައި 200 ހައުސިން ޔުނިޓު ހެދުމަށް އިއުލާންކޮށް، ރ. އަތޮޅުގެ އެހެން ރަށްރަށުގައި ވެސް ހައުސިން ޔުނިޓު ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކުރިއެވެ. އެއީ؛

  • ރ. މަޑުއްވަރީގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް.
  • ރ. ރަސްމާދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް
  • ރ. އިނގުރައިދޫގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް.
  • ރ. އިންނަމާދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް.
  • ރ. އުނގޫފާރުގައި 500 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް.
  • ރ. ދުވާފަރުގައި 200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް.