މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށް އަތޮޅުތެރޭގައި ގާއިމުކުރި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ފުރަތަމަ ފިއުލް ޝެޑް ރ. ދުވާފަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.
މި ފިއުލް ޝެޑް ހުޅުއްވައިދެއްވީ ރާއްޖޭގެ 44 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މިއަދު ދުވާފަރަށް ވަޑައިގެން މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނުވަވަނަ ދުވަހު ކ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ މަސްވެރިންނަށް ތެޔޮ ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން އެސްޓީއޯ ރޭޓުގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ކޮންމެވެސް އެއް ރަށަކުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
އެ ވައުދަކީ މިއަހަރުގެ ތެރެއަށް ބަހާލެވިގެން ކޮންމެ މަހަކުވެސް ކޮންމެވެސް އަތޮޅެއްގައި އެސްޓީއޯގެ ސްޓޭޝަން ހެދި އެތަނުން ހިދުމަތް ދޭން ފެށޭނެ ކަމަށާއި އެހެންވީމާ އެގޮތަށް ގޮސް މުޅި ރާއްޖޭގައި، ވައުދުވީ ގޮތަށް ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އެ ތާވަލުގެ ކުރިން އެސްޓީއޯގެ ނުވަތަ އެފްއެސްއެމްގެ ސައިޓުތަކުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް މިހާރު ތެޔޮ ލިބޭނެ ކަމަށާއި ކ. ހިންމަފުށި، ގއ. ކޫއްޑޫ، ޅ. ފެލިވަރު އަދި އައްޑޫ ސިޓީ ހުޅުމީދޫން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އަދި ކޫއްޑޫއާއި ފެލިވަރުގައި ހުރި މިފްކޯގެ އުޅަނދުތަކުން ވެސް އެސްޓީއޯ ރޭޓުން ތެޔޮ ވިއްކުމަށް ކުރަން ޖެހޭ ކަންކަން އެސްޓީއޯއިން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ފާތިމަތު ލިއުޝާ
ރ. ދުވާފަރު
ރ. ދުވާފަރު
ރ. ދުވާފަރު
ރ. ދުވާފަރު