ނުކުޅެދުންތެރިކަން ހުރި 30 މީހަކަށް ސްޓެލްކޯއިން ވަޒީފާގެ ފުރުސަތު ހަމަޖައްސައިދީފިއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ނުކުޅެދުންތެރިކަން ހުންނަ، ވަޒީފާ އަދާކުރަން ބޭނުންވާ ހުރިހާ މީހުންނަށް ދައުލަތުގެ ތެރެއިން ވަޒީފާ ޔަގީންކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހަމަޖައްސައިދިން ވަޒީފާގެ ފުރުސަތުތަކެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެ މުވައްޒަފުންނަށް ވަޒީފާ ދިން ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުއެވެ. އެކަމަނާގެ އިތުރުން އެ ރަސްމިއްޔާތުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީގެ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އާއި ސްޓެލްކޯގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިވުމަކީ މުވައްޒަފުގެ އާއިލާ އާއި ގައުމަށް އެކަމުގައި އެތަށް ގޮތަކުން ފައިދާ އާއި މަންފާ ހުރި ކަމެއް ކަމަށެވެ. އެ ކަމަނާގެ ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ވަޒީފާގެ މާހައުލަށް ނެރުމަކީ ސިއްހީ ގޮތުންނާއި ދިރިއުޅުމުގެ އާދަތަކާއި މާލީގޮތުން ފުދުންތެރިކަން އިތުރުވެގެން އަންނާނެ ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.
"ވާޒީފާގެ މާހައުލުގައި އާ ރައްޓެހިން ލިބުމަކީ ނަފްސާނީގޮތުން ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި މީހުންގެ ތައުރީފާއި ހެޔޮބަސްތަކުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު، އިތުރުވެގެންދާނެ." ސާޖިދާ ވިދާޅުވިއެެވެ.
އެރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ރަޝީދު ވިދާޅުވީ، ސްޓެލްކޯއަކީ އެފަދަ ކަންކަމުގައި އަބަދުވެސް އިސްނަގައިގެން މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ.
"މިހާރުވެސް، ތަފާތު އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ 50 އަށްވުރެ ގިނަ މުވައްޒަފުން މި ކުންފުނީގައި ދަނީ މަސައްކަތް ކުރަމުން. މި ފަރާތްތައް ހަވާސާ ނުކޮށް، މުޖުތަމައުގެ މުހިންމު ބައެއްގެ ގޮތުގައި ފެންނަމުންދާ ކަމީ، ހަމަގައިމު ވެސް އަޅުގަނޑުމެން އެންމެން އުފާކުރާ ކަމެއް،"ޝަމާހު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިއަދު ވަޒީފާ ހަވާލުކުރި މުވައްޒަފުންގެ ފަރާތުން މުޖުތަމައުއަށް ފައިދާތަކެއް ލިބި، އެފަރާތްތަކުގެ ގާބިލުކަމާއި ހުނަރުތައް އިތުރަށް ތަރައްގީކޮށް، ގައުމީ ތަރައްގީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިގެން ގޮސްފައިވާ ކަމަށެވެ.
"ވަޒީފާގެ މާހައުލަކީ އެ މުވައްޒަފުންގެ އަމިއްލަ އިތުބާރު އާލާކޮށް، މުޖުތަމައުގައި އެ މީހުންގެ ދައުރު ފުޅާކުރުމަށް ލިބިގެންދިޔަ މުހިއްމު މަންސައެއް ކަމަށެވެ. ސްޓެލްކޯއާ އަލަށް ގުޅުނު 30 މުވައްޒަފުން ހޮވާލާފައިވަނީ ސްޓެލްކޯއިން ޔޫޓިލިޓީ ހިދުމަތް ދެމުންދާ ރަށްތަކުގެ ތެރެއިން 21 ރަށެއް ހިމެނޭހެން،" ޝަމާހު ވިދާޅުވިއެވެ.
އެ 30 މުވައްޒަފުންނާ އެކު ސްޓެލްކޯގައި މަސައްކަތްކުރާ އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންގެ އަދަދު 80 އަށް އަރާފައިވާ އިރު އެ މުވައްޒަފުން ދަނީ ޓެކްނިކަލް އަދި ނޮންޓެކްނިކަލް ދާއިރާތަކުގައި ވެސް ހިދުމަތްކުރަމުންކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
ފާތިމަތު ލިއުޝާ
ނުކުޅެދުންތެރިކަން ހުންނަ މީހުން
ނުކުޅެދުންތެރިކަން ހުންނަ މީހުން
ނުކުޅެދުންތެރިކަން ހުންނަ މީހުން