ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ 10 ވަނަ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ގައި ބާއްވަން ފަށައި، މިއަދާ ހަމައަށް އައި އިރު، އެ މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުން ރައްޔިތުންގެ އިތުބާރު ހޯދައި، މުޅި ރާއްޖޭގެ ކުޅިވަރު މަލަމަތި ބަދަލުކޮށްލާފައިވާ އިރު، މުބާރާތުގެ ސަބަބުން ފުޓްސަލްއަށް ވަނީ އިންގިލާބީ ބަދަލެއް އައިސްފައެވެ.
މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗު އޮންނާނީ ޖެނުއަރީ ތިންވަނަ ދުވަހުގެ ރޭގައެވެ. ބައްދަލުކުރާނީ 2024 ވަނަ އަހަރުގެ ޗެމްޕިއަން ބ. އޭދަފުށި އަދި މިއަހަރުގެ ޗެމްޕިއަން ކ. ކާށިދޫއެވެ. އޭގެފަހުން އަތޮޅުތަކުގެ ކުޅުން ހަތަރު ވަނަ ދުވަހުގެ ރޭ ފަށާނެއެވެ
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" ހަމަޖައްސެމަށް ބޭއްވި ހާއްސަ އިވެންޓްގައި ގޯލްޑަން ފުޓްސަލް ޗެލެންޖް ބާއްވާ، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާއެވެ.
"ވަން ސްޕޯޓްސް"ގެ ފަރާތުން ސޮއިކޮށްފައި ވަނީ އެޑިޓަރު، މުހައްމަދު ޝަމްއޫނެވެ.
"ވަން ސްޕޯޓްސް"ގެ ފަރާތުން ޝަމްއޫން ބުނެފައި ވަނީ ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އިވެންޓްގައި ޝާމިލުވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގެ ފުޓްސަލްއަށް އިންގިލާބީ ބަދަލެއް ގެނެސްދިން މުބާރާތެއް ކަމަށެވެ. އަދި މީގެ ކުރިން ކުރެވުނު މަސައްކަތްތައްވެސް ކާމިޔާބުކަމަށް އޭނާ ފާހަގަކުރިއެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން ފާހަގަކުރެއްވީ "ވަން ސްޕޯޓްސް"އާއެކު މީގެ ކުރިންވެސް ކުރެވުނު މަސައްކަތްތައް ކާމިޔާބު ކަމަށާއި، އަބަދުވެސް އެ މަސައްކަތުގައި އިތުރަށް ކުރިއަށް ދާން ފުރުސަތު ލިބުމަކީ މުބާރާތަށް ލިބޭ ފުރިހަމަ ކަމެއް ކަމަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް މިފަހަރުވެސް މަހަކަށްވުރެ ގިނަ ދުވަހަށް ކުރިއަށްދާނެއެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އަހަރު ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ރޭގައެވެ. މެޗުތައް ކުރިއަށްދާނީ ރެހެންދި ފުޓްސަލް ދަނޑުގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ހާއްސަ އެއްކަމަކީ އަހަރުން އަހަރަށް މުބާރާތުގެ ފެންވަރު ރަނގަޅުވަމުން ދިޔުމެވެ. މުބާރާތަށް ރަށް ރަށުން އިތުބާރުކޮށް، ފުރިހަމައަށް ތައްޔާރުވާ އެއް ސަބަބަކީވެސް އެއީ ކަމަށްވީ އިރު، މިފަހަރުގެ މުބާރާތަށްވެސް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ދަނީ ފުރިހަމައަށް ތައްޔާރުވަމުންނެވެ.
މިފަހަރުވެސް 119 ޓީމަކުން ވާދަކުރާ އިރު، ގާތްގަނޑަކަށް 280 އަށްވުރެ ގިނަ މެޗު މިފަހަރުވެސް ކުޅޭނެއެވެ.
މިފަހަރު މުބާރާތް އިތުރަށް ފުރިހަމަ ކުރުމަށް ފުޓްސަލްގެ ބައިނަލްއަގުވާމީ ގަވާއިދުގައި ތަން ދޭ އުސޫލުން ވީޑިއޯ ސަޕޯޓްގެ ބޭނުން ކުރުމަށްވެސް ދަނީ މަސައްކަތްތައް ކުރަމުންނެވެ.
"ވަން ސްޕޯޓްސް"އިން ވަނީ މީގެ ކުރިން ހަތަރު އަހަރުވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް