ސަރުކާރު މަސް ކުންފުނި، މިފްކޯއަށް، ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން ކަނޑުމަތީގައި އިހުތިޖާޖުކޮށްފިއެވެ.

ބޮޑުކަންނެލީގެ މަސްވެރިން ވަނީ މިއަދު ހެނދުނުން ފަށައިގެން އިހުތިޖާޖުކޮށްފައެވެ. ބޮޑުކަންނެލީގެ މަސްވެރިން އެންމެ ފުރަތަމަ މަސައްކަތްކުރީ ދޯނިތަކުގައި ހުޅުމާލެ ކަންނެލި ބަނދަރަށް ވަނުމަށެވެ. ނަމަވެސް ކޯސްޓުގާޑުން ވަނީ އެ ދޯނިތަކައް ހުރަސް އަޅައި ކުރިއަށްދިޔަނުދީ މަޑުކުރުވައިފައެވެ.

އެހެންވެ ދެން ބޮޑުކަންނެލީގެ މަސްވެރިން މާލޭގެ ތޮށިގަނޑުގެ ބޭރުގައި އިހުތިޖާޖުކޮށްފައެވެ.

10 ޑިސެމްބަރު 2025، މާލެ، މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން ކަނޑުމަތީގައި އިހުތިޖާޖުކުރުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބޮޑުކަންނެލީގެ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް ވިއްކާފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި ލަސްވުމުން ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅުވާ ވަގުތު ބޮޑުކަންނެލީގެ އަގު ދަށްވާ މައްސަލައަކީވެސް މަސްވެރިންގެ ކަންބޮޑުވުމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ކަންބޮޑުވުންތައް ހައްލުކުރުމުގެ ގޮތުން ސަރުކާރުން ބޮޑުކަންނެލީގެ ވިޔަފާރީގެ ތެރެއަށް ވަދެ އެކަން ފުޅާކުރުމަކީ މަސްވެރިންގެ އެދުމެއްކަމަށް ޝިޔާމު ވިދާޅުވިއެވެ. ސަރުކާރުން ބޮޑުކަންނެލީގެ މަސްވެރިންނަށް ވެފައިވާ ވައުދު ފުއްދާނެކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

10 ޑިސެމްބަރު 2025، މާލެ، މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި އިހުތިޖާކުރުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

"ސަރުކާރުން ދަނީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރުމަށް ގާއިމުކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް ޖެނުއަރީ މަސްތެރޭ ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުން،" ޝިޔާމް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުން ދިޔަ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުފުޅާއެކު މާލޭ އޭރިއާއިން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

5 އޮކްޓޯބަރު 2024: ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

މިނިސްޓަރު ވިދާޅުވީ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު މި އަންނަ މާޗު މަހުގެ ނިޔަލަށް ހަމަޖެހިގެންދާނެ ކަމަށެވެ.

މަސްވެރި އާއިލާތަކަށް ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށާއި މި ސަރުކާރުން ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކައް ހައްލު ހޯދައިދޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.