އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ބޭނުންވާ މީހުން ނެގުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން 172 ވަގުތީ ވަޒީފާއަށް މިއަދު ހުޅުވާލައިފިއެވެ.
އީސީން މިމަހުގެ ހަތަރުވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ކަމަށެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އިންތިހާބާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް މުވައްޒަފުން ބޭނުންވާ ކަމަށެވެ.
އީސީން ހުޅުވާފައިވާ ވަގުތީ ވަޒީފާތައް:
- އޮފިސަރު - 104 މީހުން
- ސީނިއާ އޮފިސަރު - 33 މީހުން
- ކޮމްޕްލެއިންޓްސް ބިއުރޯ މެންބަރު - 9 މީހުން
- ޓެކް އޮފިސަރު - ހަ މީހުން
- ސެކިއުރެޓީ އޮފިސަރު - ހަ މީހުން
- ޑްރައިވަރު - ހަތަރު މީހުން
- އޮފީސް އެސިސްޓެންޓު - ދެ މީހުން
- އެސިސްޓެންޓު ލޮޖިސްޓިކް އޮފިސަރު - ދެ މީހުން
- އެސިސްޓެންޓު މާސްޓާ ޓްރެއިނަރު - އެކަކު
- ކޮމްޕްލެއިންޓްސް ބިއުރޯ މެނޭޖަރު - އެކަކު
- ގްރެފިކްސް ޑިޒައިނަރު - އެކަކު
- ފޮޓޯގްރާފަރު - އެކަކު
އީސީން ބުނީ އެ ވަޒީފާތަކަށް ނަގާ މީހުން، ވަޒީފާގައި ތިބޭނީ އިންތިހާބު ނިމެންދެން ކަމަށެވެ. އެ މުއްދަތުގައި އެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތަކާއި އެލެވެންސްތައް ލިބޭނެކަމަށް އީސީން ބުންޏެވެ.
އެ ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަހަރުގެ ފެބްރުއަރީގެ 26 ވަނަ ދުވަހުގެ ކުރިން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅަންވާނެކަމަށް އީސީން ބުންޏެވެ.
މުހައްމަދު އިޝާން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން