ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ 10 ވަނަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އެޗްޑީ ހިއުންޑާއި ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ގައި ބާއްވަން ފަށައި، މިއަދާ ހަމައަށް އައި އިރު، އެ މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުން ރައްޔިތުންގެ އިތުބާރު ހޯދައި، މުޅި ރާއްޖޭގެ ކުޅިވަރު މަލަމަތި ބަދަލުކޮށްލާފައިވާ އިރު، މުބާރާތުގެ ސަބަބުން ފުޓްސަލްއަށް ވަނީ އިންގިލާބީ ބަދަލެއް އައިސްފައެވެ.

މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗު އޮންނާނީ ޖެނުއަރީ ތިންވަނަ ދުވަހުގެ ރޭގައެވެ. ބައްދަލުކުރާނީ 2024 ވަނަ އަހަރުގެ ޗެމްޕިއަން ބ. އޭދަފުށި އަދި މިއަހަރުގެ ޗެމްޕިއަން ކ. ކާށިދޫއެވެ. އޭގެފަހުން އަތޮޅުތަކުގެ ކުޅުން ހަތަރު ވަނަ ދުވަހުގެ ރޭ ފަށާނެއެވެ.

ހިއުންޑާއިއާއެކު ސޮއިކުރުމަށް ބޭއްވި ހާއްސަ އިވެންޓްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ އޮތޮރައިޒްޑް ޑީލާ ކުއިކް އިޒީ މޯލްޑިވްސްގެ ޗީފް އިންޖިނިއަރު ހުސެއިން ހަލީމެވެ.

ލްޑަން ފުޓްސަލް ޗެލެންޖުގެ ފަރާތުން ސޮއިކުރީ އިވެންޓް މެނޭޖަރު އަހުމަދު ނަސީމެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސާ، ހިއުންޑާއިއާއެކު ސޮއިކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން --- ފޮޓޯ/ އިމޭޖަސް އެމްވީ، ނައުޝަމް ވަހީދު

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ހިއުންޑާއިގެ ފަރާތުން ބުނީ ގޯލްޑަން ފުޓްސަލް ޗެލެންޖަކީރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓް ކަމަށް ވެފައި، އެންމެ ގިނަ ބަޔަކު ޝާމިލުވާ އަދި އެންމެ ގިނަ ބަޔަކު ބަލާ އިވެންޓް ކަމަށްވާތީވެ، ހިއުންޑާއިން މުބާރާތުގެ ޓައިޓަލް ޕާޓްނަރަކަށް ވުމަށް ނިންމި ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ހިއުންޑާއިން މިފަހަރަށްވުރެ ބޮޑަށް މުބާރާތުގެ ކަންކަން ފުރިހަމަ ކުރުމަށް އެއްބާރުލުން ދޭނެ ކަމަށްވެސް ހިއުންޑާއިން ވަނީ ބުނެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް މިފަހަރުވެސް މަހަކަށްވުރެ ގިނަ ދުވަހަށް ކުރިއަށްދާނެއެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އަހަރު ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ރޭގައެވެ. މެޗުތައް ކުރިއަށްދާނީ ރެހެންދި ފުޓްސަލް ދަނޑުގައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ހާއްސަ އެއްކަމަކީ އަހަރުން އަހަރަށް މުބާރާތުގެ ފެންވަރު ރަނގަޅުވަމުން ދިޔުމެވެ. މުބާރާތަށް ރަށް ރަށުން އިތުބާރުކޮށް، ފުރިހަމައަށް ތައްޔާރުވާ އެއް ސަބަބަކީވެސް އެއީ ކަމަށްވީ އިރު، މިފަހަރުގެ މުބާރާތަށްވެސް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ދަނީ ފުރިހަމައަށް ތައްޔާރުވަމުންނެވެ.

މިފަހަރުވެސް 119 ޓީމަކުން ވާދަކުރާ އިރު، ގާތްގަނޑަކަށް 280 އަށްވުރެ ގިނަ މެޗު މިފަހަރުވެސް ކުޅޭނެއެވެ.

މިފަހަރު މުބާރާތް އިތުރަށް ފުރިހަމަ ކުރުމަށް ފުޓްސަލްގެ ބައިނަލްއަގުވާމީ ގަވާއިދުގައި ތަން ދޭ އުސޫލުން ވީޑިއޯ ސަޕޯޓްގެ ބޭނުން ކުރުމަށްވެސް ދަނީ މަސައްކަތްތައް ކުރަމުންނެވެ.