ކަކުލަށް ލިބުނު އަނިޔާއާއެކުވެސް މެޗުތައް ކުޅެ، ސަންޓޯސް ސަލާމަތް ކޮށްދިނުމަށްފަހު، ނޭމާ ކަކުލުގެ ސާޖަރީއަށް ތައްޔާރުވެއްޖެއެވެ.
ނޭމާގެ ފުރަތަމަ ކްލަބު ސަންޓޯއާ އޭނާ ގުޅުނީ މިއަހަރު ފެބްރުއަރީ އެއްވަނަ ދުވަހުއެވެ. ނޭމާ ސަންޓޯސްއާ ގުޅިފައިި ވަނީ ސައުދީ އަރަބިއާގެ އަލް ހިލާލާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހުއެވެ.
އޭގެފަހުންވެސް ނޭމާއަށް އަނިޔާގެ ގިނަ މައްސަލައް ކުރިމަތިވެފައިވާ އިރު، ސަންޓޯސްއަށްވެސް މިއީ އުނދަގޫ ސީޒަނެކެވެ. ސީޒަނުގެ އެންމެފަހު ހަތަރު މެޗަށް ދިޔައިރުވެސް ސަންޓޯސް ރެލިގޭޝަން ޒޯނުގައި އޮތް އިރު، އެ ތިން މެޗަށް ދިޔަތަނާ ނޭމާއަށް ވަނީ އަނިޔާވެސް ވެފައެވެ.
އެ އަނިޔާގެ ސަބަބުން ޑޮކްޓަރު ނޭމާއަށް ލަފާ ދިނީ ވަގުތުން ސާޖަރީއަކަށް ދިޔުމަށެވެ. އެހެން ނަމަވެސް، އެ ސާޖަރީ ހަދަން ދެކޮޅު ހަދައި، ނޭމާ ވަނީ ފަހު ހަތަރު މެޗުވެސް ކުޅެފައެވެ.
އެ ހަތަރު މެޗުގައި ފަސް ގޯލް ޖަހައި، ނޭމާ ތަފާތު ދައްކާފައިވާ އިރު، ރޭ އެންމެފަހުން ކުޅުނު މެޗުގައި ސަންޓޯސްއިން ކްރުޒޭރޯ ކައިރިން މޮޅުވީ 3-0 އިންނެވެ.
އެމެޗަށްފަހު ނޭމާ ބުނީ ސަންޓޯސްއަށް ދިޔައީ އެހީއެއް ވެދޭން ކަމަށާއި، އުނދަގޫ ހާލަތެއްގައި، ތަދާއެކު ކުޅުނު ނަމަވެސް ކަމެއް ހާސިލުވުމަކީ ލިބުނު އުފާވެރިކަމެއް ކަމަށެވެ. ނޭމާ ބުނީ ކަކުލުގެ އަނިޔާއާއެކުވެސް ކުޅުނީ ކްލަބުގެ ހާލަތު އޮތް ގޮތުން ކަމަށާއި، މީގެ ކުރިން އެކަަހަލަ އަނިޔާއެއް ލިބުނު ނަމަ، ނުކުޅޭނެ ކަމަށެވެ.
އަނިޔާގެ ސަބަބުން މިދިޔަ ދެ އަހަރުވެސް ނޭމާއަށް ގައުމީ ޓީމަށް ކުޅެފައި ނުވާ އިރު، އަނިޔާގެ ސަބަބުން ކުރިއަށް އޮތް ވޯލްޑް ކަޕުގައިވެސް އޭނާ ކުޅޭނެ ކަމަކަށް ނުބެލެވެއެވެ.
ނޭމާ
ނޭމާ
ނޭމާ