ފީފާގެ ހުއްދަނެތިވެސް ފީފާގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ ބެލޭނެކަމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމައިފިއެވެ.
އެފްއޭއެމްގެ ހިޔާނާތާ ގުޅިގެން ދައުލަތުން ވަނީ ބައްސާމުގެ މައްޗަށް މަނީ ލޯންޑަރިންނާއި ހިޔާނާތްތެރިވުމުގެ ދައުވާ ކޮށްފައެވެ.
ކުރިމިނަލް ކޯޓުގެ އެ ނިންމުން ބައްސާމުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް، އެ އިސްތިއުނާފީ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓު ރަޖިސްޓްރާ މިއަދު ވަނީ ނިންމައިފައެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ބުނެފައިވަނީ އެ ދެ ދައުވާ އުފުލާފައިވަނީ ބައްސާމް، އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރި އިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ހިޔާނާތްތެރިވެ، އެފްއޭއެމަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި އެމެރިކާ ޑޮލަރުން ދޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކުގެ އެކައުންޓުތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
އެގޮތުން ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އުފުލީ ބައްސާމް، އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެފައިވާތީއެވެ.
މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލީ އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން އަމީން ކޮންސްޓްރަކްޝަނަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމުލަ 23 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކިއެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީއެވެ.
ކުރިމިނަލް ކޯޓުގައި މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ވަނީ ބައްސާމްގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅައިފައެވެ. އެ ހުށަހެޅުންތައް ހުށަހަޅުއްވައިދެއްވަމުން ބައްސާމުގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވެފައިވަނީ ފީފާގެ ގަވާއިދުގައިވާ ގޮތުން ފީފާއިން ދޭ ފައިސާއެއްގެ މައްސަލަ ބެލެނީ ފީފާއަށް ކަމަށެވެ. ރާއްޖެއަށް އެ ފައިސާގެ މައްސަލައެއް ބެލެނީ ފީފާއިން އެ މައްސަލައެއް ބަލައިދިނުމަށް ރާއްޖޭގައި އެދުމުން ކަމަށް ޝާއިރު ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވެފައިވަނީ ފީފާއިން އަދި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީންވެސް އެފަދަ މައްސަލައެއް ބަލަން ފުލުހަށް ނުވަތަ ޕްރޮސިކިއުޝަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
ޝާއިރު ވިދާޅުވެފައިވަނީ ފީފާގެ ފައިސާގެ މައްސަލަތަކާއި މިފަދަ އެހެން މައްސަލަތައް ބެލުމަށް ފީފާއިން ވަނީ އެތިކަލް ކޮމިޓީއެއް ގާއިމުކޮށްފައިވާ ކަމަށާއި އަދިި އެފަދަ މައްސަލަތައް ބެލުމަށް ސްޕޯޓްސް އާބިޓްރޭޝަން ފަދަ މުއައްސަސާތައް ހުންނަ ކަމަށެވެ.
ފީފާގެ އެތެރޭގެ އިންތިހާބަކާ ގުޅިގެން 2012 ވަނަ އަހަރުގެ ތެރޭގައި ސޯޝަލް ސެންޓަރުގައި ހިންގި މާރާމާރީއެއްގެ މައްސަލަ ނުބަލަން ފުލުހުން ނިންމާފައިވާކަން ޝާއިރު ފާހަގަކުރެއްވިއެވެ.
ވަކީލަށްފަހު ވާހަކަދައްކަވަމުން ބައްސާމްވެސް ވިދާޅުވެފައިވަނީ އެފްއޭއެމްއަށް، ފީފާއިން ދޭ ފަންޑެއްގެ މައްސަލަ ބަލާނީ ފީފާގެ އެތެރެއިން ކަމަށެވެ. ފީފާއިން އެދިގެން ނޫން ގޮތަކަށް އެހެން ބަޔަކަށް އެ މައްސަލައެއް ނުބެލޭނެކަމަށް ބައްސާމް ވިދާޅުވެފައިވެއެވެ.
"އެ ގައުމެއްގެ ޖުޑިޝަލް ނިޒާމުގެ ތެރެއިން ބަލާ ކަންކަމެއް ނޫން މިއީ. މީގެ ކުރިން ފީފާއިން ވެސް މި މައްސަލަ ބަލާފައިވޭ. އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީން ސަސްޕެންޑް ވެސް ކުރި. ނަމަވެސް މައްސަލަ ބަލާފައި މައްސަލަ ނެތް ކަމަށް ނިންމާފައި އޮތީ،" ބައްސާމް ވިދާޅުވެފައިވެއެވެ.
އެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވެފައިވަނީ ރާއްޖޭގައި ހިންގާ ޖިނާއީ ކަންކަން ބެލުމުގެ އިހުތިސޯސް ރާއްޖެއަށް ލިބިގެންވާ ކަމަށާއި މި މައްސަލައަކީ އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވި މައްސަލައެއް ކަމަށެވެ.
ދައުލަތުން ވިދާޅުވީ ރާއްޖޭގެ ގާނޫނުތައް ނުހިނގާނެ ގޮތަށް ފީފާއާއި ފީފާގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމުން އުފައްދާފައިވާ އެފްއޭއެމްއަށް ޑިޕްލޮމެޓިކް އިމްތިޔާޒެއް ނުވަތަ ޑިޕްލޮމެޓިކް އިމުޔުނިޓީއެއް ލިބިދީފައި ނުވާ ކަމަށެވެ. އެފަދަ އެއްބަސްވުމެއްގައި ނުވަތަ މުއާހަދާއެއްގައިވެސް ރާއްޖެއިން ސޮއިކޮށްފައި ނުވާކަން ދައުލަތުން ފާހަގަކުރެއްވިއެވެ.
މި މައްސަަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހުވެސް ތާއީދުކުރެއްވީ ދައުލަތުގެ ވާހަކަތަކަށެވެ.
އެގޮތުން ގާޒީ ވިދާޅުވެފައިވަނީ ފީފާގެ ގަވާއިދުތަކަށްވުރެ ބޮޑަށް ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ކޯޓަށް އިސްވާނެ ކަމަށެވެ. ގާޒީ ވިދާޅުވެފައިވަނީ އެފްއޭއެމްގެ ހިޔާނާތާ ގުޅިގެން ކުރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތްތަކަށް ފީފާއިންވެސް އަދި އެފްއޭއެމުންވެސް މިހާތަނަށް ދެކޮޅު ހަދާފައި ނުވާ ކަމަށެވެ.
ގާޒީ ވިދާޅުވެފައިވަނީ ކޯޓުގެ ޝަރީއަތްތަކާ ގުޅިގެން ފީފާއިން ވަކި އެއްޗެއް ނުބުނުމުން ދޭހަވަނީ މިއީ ފީފާގެ އިޖުރާއަތްތަކާ ހިލާފަށް ކުރިއަށްދާކަމެއް ނޫންކަން ކަމަށެވެ.
ބައްސާމުގެ ފަރާތުން އެ ހުށަހެޅި ހުށަހެޅުން ގާޒީ ބަލައިނުގަތުމުން އޭނާގެ ވަކީލު އަލީ ޝާހު ވިދާޅުވެފައިވަނީ ގާޒީގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. އެހެންވެ ގާޒީގެ ނިންމެވުން ލިޔުމުން ދޫކުރުމަށް ޝާހު އެދިވަޑައިގަތެވެ.
ނަމަވެސް ގާޒީ ވިދާޅުވެފައިވަނީ ކޯޓުގެ ރަސްމީ މަސައްކަތުގެ ގަޑި ހަމަވެފައިވާތީ އެ ލިޔުން އެ ދުވަހު ދޫނުކުރެވިދާނެ ކަމަށާއި އަޑުއެހުން ނިމޭތާ 24 ގަޑިއިރުގެ ތެރޭގައި އެ ލިޔުން ދޫކުރާނެ ކަމަށެވެ.
ބައްސާމުގެ މައްޗަށް ދައުލަތުން މީގެކުރިން ކޮށްފައިވާ ހިޔާނާތުގެ ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވުމުގެ ސަބަބުން މިހާރުވެސް ދަނީ ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެ ދެ ދައުވާއަކީވެސް އެފްއޭއެމްގެ ހިޔާނާތާ ގުޅިގެން ކުރި ދެ ދައުވާއެކެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު