މާލެ ސަރަހައްދުގެ ޕާކިން މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ ޕާކިން އިމާރާތްތަކުގެ މަސައްކަތް ހަތަރު މަސްތެރޭ ފެށޭނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ހަދާ ޕާކިން ބިލްޑިންތަކާ ގުޅޭ އެއްބަސްވުމެއްގައި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ސޮއިކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 3 ގައެވެ. އަދި އޭގެ މިދިޔަ އަހަރުގެ އޮގަސްޓު މަހު ހުޅުމާލޭގައި 15 ޕާކިން ބިލްޑިން ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވެއެވެ.

ހުޅުމާލޭގެ މަގުތަކުގައާއި ހުސްބިންތަކުގައާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގައި، ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތުގައި ޓޯކުރުމުގެ އޮޕަރޭޝަނެއް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ މާލެ ސަރަހައްދުގެ ޕާކިން މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގައި ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތްތަކުގެ ފެށުމުގެ މަރުހަލާގެ ތެރޭގައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ ދެ ތިން ހަތަރު މަހެއްގެތެރޭގައި ފިސިކަލީ ފެނިވަޑައިގަންނަވާނެ މި ސަރަހައްދަށް ބޭނުންވާ ވަރުގެ ޕާކިން ބިލްޑިންތައް އެޅުމުގެ އަމަލީ މަސައްކަތްތައް ފެށިގެން ދާނެ ކަމަށް." މިިިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޕާކިން އިމާރާތްތައް ފަރުމާ ކުރާނީ އޮޓޮމޭޓެޑް ސިސްޓަމް ތަކާއެކު ކުޅިވަރު ކުޅޭނެ ޖާގަތަކާއި ކެފޭ/ރެސްޓޯރެންޓާއި ކޮމާޝަލް އެހެން ބޭނުންތަކަށް ޖާގަ ލިބޭ ގޮތަށް ކަމަށެވެ. އޭގެ އިތުރުން އެ އިމާރާތްތަކުގެ ދިހަ ޕަސެންޓް ދަތުރުވެރިންނަށް ހާއްސަކުރާ އިރު، ޕާކިން ސްލޮޓްތައް ގެނެގެން އެ ތަނަށް ވެހިކަލް ރަޖިސްޓްރީކުރެވޭނެ ގޮތަށް ހެދުމަށް ހަމަޖެހިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

އުމުރު ދުވަހަށް އެ މީހަކު ދުއްވާ ވެހިކަލް އެ ތަނުގައި ބޭއްވޭނެ ކަމަށާއި އެ ސްލޮޓްތައް ދޫކޮށްލާނީ ބޭންކް މެދުވެރިކޮށް ނުވަތަ އެއްކޮށް ފައިސާ ދައްކައިގެންވެސް ގަނެވޭ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.