އަންނަ އަހަރު އުތުރު އެމެރިކާގެ ގައުމުތަކުގައި ބާއްވާ ވޯލްޑް ކަޕްގެ ގުރުއަތުލުން މިރޭ ބާއްވައިފިއެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ނިންމާފައި ވަނީ އެމެރިކާގެ އިތުރުން މެކްސިކޯ އަދި ކެނެޑާގައެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ 48 ގައުމެއް ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕެވެ. 39 ދުވަހަށް ދެމިގެންދާ ވޯލްޑް ކަޕްގައި 104 މެޗެއް ކުޅެވިގެންދާނެއެވެ.
ވޯލްޑް ކަޕް 2026 ގެ މެޗުތައި 16 ސިޓީއެއްގައި ކުޅެވިގެންދާ އިރު، މިފަހަރުގެ ވޯލްޑް ކަޕަށް މޫސުމީ މައްސަލަތައް ދިމާވާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެއީ އެމެރިކާގެ ސަރަހައްދުތަކުގައި މޫސުން ގޯސް ދުވަސް ކޮޅަކާ ވޯލްޑް ކަޕް ދިމާވާތީއެވެ.
ކުރިއަށް އޮތް ވޯލްޑް ކަޕަށް ގުރު ނެގުމަށް މިރޭ ވޮޝިންޓަންގައި ބޭއްވި ހާއްސަ އިވެންޓް ފަރުމާ ކޮށްފައި ވަނީ އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހާއްސަ ކޮށްގެންނެވެ. ސިޔާސީ ކުލަ ޖެހިފައިވާ އިވެންޓްގެ ތެރެއިން ޓްރަމްޕަށް ފީފާގެ ފުރަތަމަ ޕީސް ޕްރައިޒްވެސް އަރުވާފައިވެއެވެ.
މިރޭގެ ހަފްލާގެ ކުރިން އިޓަލީގައި 1990 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ތީމް ލަވަ، ނެސުން ޑޮރްމާ، އަންދްރޭ ބޮސެލީ ހުށަހަޅައިދީފައިވާ އިރު، އިތުރު ހުށަހެޅުންތައްވެސް ފެނިގެން ގޮސްފައިވެއެވެ.
ގުރު ނެގުމުގެ ކުުރިން ހޯސްޓް ގައުމުތަކުގެ ވެރިން ވަނީ އެގައުމުތަކުގެ ނަންކޮޅުތައް ނަގައިދީފައެވެ. އެގޮތުން މިރޭގެ ހަފުލާގައި އެމެރިކާގެ ރައީސް ޓްރަމްޕާއި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނޭ އަދި މެކްސިކޯގެ ރައީސާ ކްލައުޑިއާ ޝެއިންބައުމްވެސް ބައިވެެރިވެ ވަޑައިގެންފައިވެއެވެ.
ގުރުން އެމެރިކާގެ ރައީސް ޓްރަމްޕް ބޮޑު ސަމާލުކަމެއް ހޯދާފައިވާ އިރު، އޭނާއަށް އިވެންޓްގެ ފޯކަސް ބޮޑުވުމުން އެކަމަށް ބައެއް ފަރާތްތަކުން ދަނީ މިހާރުވެސް ފާޑު ކިޔަމުންނެވެ. އެގޮތުން ވޯލްޑް ކަޕްގެ ގުރަށް ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މިފަހަރުގެ ވޯލްޑް ކަޕް ގުރަށް ބަދަލެއްވެސް ގެނެސްފައިވެއެވެ. އެގޮތުން މިވަގުތު ދުނިޔޭ ރޭންކިންގެ އެންމެ ގަދަ ހަތަރު ޓީމަށް ހާއްސަ ކަމެއް ދީ، މުބާރާތުގެ ނޮކްއައުޓް ފުރަތަމަ ކޮޅުގައި ވާދަކުރަން ނުޖެހޭނެ ގޮތެއް ހޯދަން ފީފާއިން ވަނީ ސިސްޓަމް ބަދަލުކޮށްފައެވެ.
މިރޭ ގުރު ނަގާފައި ވަނީ ދުނިޔޭގެ އެއްވަނައިގައި އޮތް ސްޕެއިނާއި ދެވަނައިގައި އޮތް ދުނިޔޭ ޗެމްޕިއަން އާޖެންޓީނާ ދެ ފަޅީގެ ދެ ގްރޫޕަށް ލައިގެންނެވެ. އަދި ހަމައެހެން ތިންވަނައިގައި އޮތް ފްރާންސާއި ހަތަރު ވަނައިގައި އޮތް އިންގްލެންޑަށްވެސް ގުރު ނެގުމުގައި އަމަލު ކޮށްފައި ވަނީ އެ އުސޫލުންނެވެ.
މިފަހަރުގެ ވޯލްޑް ކަޕް ގުރުވެސް ހަތަރު ޕޮޓަކަށް ބަހާލައިގެން ނަގާ އިރު، ޓީމުތައް ސީޑް ކޮށްފައި ވަނީ ރޭންކިންނަށް ބަލައިގެންނެވެ. އަދި ކޮލިފިކޭޝަން ނުނިމޭތީ، ގުރު ނެގި އިރު، ކޮލިފިކޭޝަން ޔަގީންވެފައި އޮތީ 42 ގައުމަކަށެވެ.
ވޯލްޑް ކަޕްގެ ގްރޫޕްތައް
- ގްރޫޕް އޭ: މެކްސިކޯ، ސައުތު އެފްރިކާ، ސައުތު ކޮރެއާ، (ޔޫއެފާ ޕްލޭ އޮފް ޑީ)
- ގްރޫޕް ބީ: ކެނެޑާ، ގަތަރު، ސްވިޒަލޭންޑް، (ޔޫއެފާ އޮފް އޭ)
- ގްރޫޕް ސީ: ބްރެޒިލް، މޮރޮކޯ، ސްކޮޓްލޭންޑް، ހެއިޓީ
- ގްރޫޕް ޑީ: އެމެރިކާ، ޕަރަގުއާއީ، އޮސްޓްރޭލިއާ، (ޔޫއެފާ ޕްލޭ އޮފް ސީ)
- ގްރޫޕް އީ: ޖަރުމަނު، ކްރަސާއޯ، އައިވޮރީ ކޯސްޓް، އެކުއެޑޯ
- ގްރޫޕް އެފް: ނެދަލޭންޑްސް، ޖަޕާން، (ޔޫއެފާ ޕްލޭ އޮފް ބީ)، ޓިއުނޭޝިއާ
- ގްރޫޕް ޖީ: ބެލްޖިއަމް، މިސްރު، އިރާން، ނިއު ޒިލޭންޑް
- ގްރޫޕް އެޗް: ސްޕެއިން، ކޭޕް ވާޑޭ، ސައުދީ އަރަބިއާ، އުރުގުއާއީ
- ގްރޫޕް އައި: ފްރާންސް، ސެނެގާލް، (ފީފާ ޕްލޭ އޮފް 2)، ނޯވޭ
- ގްރޫޕް ޖޭ: އާޖެންޓީނާ، އަލްޖީރިއާ، އޮސްޓްރިއާ، ޖޯޑަން
- ގްރޫޕް ކޭ: ޕޯޗުގަލް، (ފީފާ ޕްލޭ އޮފް 1)، އުޒްބެކިސްތާން، ކޮލަމްބިއާ
- ގްރޫޕް އެލް: އިންގްލެންޑް، ކްރޮއޭޝިއާ، ގާނާ، ޕެނަމާ
މިފަހަރުގެ ވޯލްޑް ކަޕް ފުރަތަމަ މެޗަކީ މެކްސިކޯއާއި ދެކުނު އެފްރިކާ ވާދަކުރާ މެޗެވެ. އެމެޗު އޮންނާނީ ތާރީހީ އެސްޓާޑިއޯ އަޒްޓެކާ ސްޓޭޑިއަމްގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026