ފީފާ ޕީސް ޕްރައިޒްގެ ނަމުގައި މުޅިން އަލަށް ތައާރަފްކުރި ހާއްސަ އެވޯޑު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވައިފިއެވެ.

ފީފާއިން ދޭ ޕީސް ޕްރައިސް އިއުލާނު ކޮށްފައި ވަނީ "ފީފާ ޕީސް ޕްރައިޒް- ފުޓްބޯލް ޔުނައިޓްސް ދަ ވޯލްޑް" ގެ ނަމުގައެވެ. ފީފާއިން އިއުލާނު ކޮށްފައިވާ ގޮތުގައި އެ އެވޯޑު ދޭނީ ސުލްހައަށް ވަކި ފަރުދަކު ކުރާ ބުރަ މަސައްކަތެއްގެ އަގު ވަޒަން ކުރުމަށެވެ.

ފީފާގެ ފުރަތަމަ ޕީސް ޕްރައިޒް މިރޭ ދީފައި ވަނީ އަންނަ އަހަރު އުތުރު އެމެރިކާގެ ގައުމުތަކުގައި ބާއްވާ ވޯލްޑް ކަޕަށް ގުރު ނެގުމަށް ބޭއްވި ހާއްސަ އިވެންޓްގައެވެ. މިރޭ ގުރަށް ހާއްސަ ހަފްލާ ބާއްވާފައި ވަނީ ވޮޝިންޓަންގެ ކެނެޑީ ސެންޓަރުގައެވެ. އެއީ ވައިޓް ހައުސް ކައިރީގައެވެ.

މިރޭގެ މުޅި ގުރުއަތުލުމުގެ އިވެންޓްވެސް ޓްރަމްޕަށް ހާއްސަކޮށްފައިވާ އިރު، ހަފުލާގައި ޓްރަމްޕްގެ ކެމްޕޭން ރެލީތަކުގައި ފެނިގެންދިޔަ ވައިއެމްސީއޭ ބޭންޑްވެސް ފެނިގެން ދިޔައެވެ.

އެ ހުރިހާކަމަކާ ހެދި ފީފާއަށް ބައެއް ފާޑުކިޔުންތައްވެސް އަމާޒުވަމުން ދެއެވެ. އެއީ ވޯލްޑް ކަޕް ގުރު އިވެންޓްގައި ސިޔާސީ ކުލަ ޖެހުމުންނެވެ.

މިރޭގެ އެވޯޑަށްފަހު ޓްރަމްޕް ވިދާޅުވީ ފީފާ ޕީއެސް ޕްރައިޒްއަކީ ހަޔާތުގައި ލިބުނު ބޮޑު ޝަރަފެއް ކަމަށާއި، އޭނާއަށް އެވޯޑު ހައްގު ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މަޝްވަރާއާއި ޑިޕްލޮމެސީގެ ތެރެއިން އެތައް މިލިއަން ފުރާނައެއް ސަލާމަތް ކޮށްފައިވާނެ ކަމަށެވެ.

"ދުނިޔެ މިހާރު ކުރިއަށްވުރެ އަމާންވެއްޖެ. އެއީ އެމެރިކާ މިދިޔަ އަހަރު ކުރި މަސައްކަތުން. މިހާރު އެމެރިކާއަކީ ދުނިޔޭގެ އެންމެ މަގުބޫލުވެސް ގައުމު. އަހަރެން މިލިއަނުން މީހުން ސަލާމްކޮށްފިން،" ޓްރަމްޕް ވިދާޅުވިއެވެ.

މިރޭގެ ހަފްލާގައި ޓްރަމްޕް ވިދާޅުވީ އެމެރިކާއިން "އެންއެފްއެލް"ޢަށް ކިޔަން ފުޓްބޯލް ނޫން އެހެން ނަމެއް ހޯދަން ޖެހޭ ކަމަށާއި، "ސޮކާ" ކިއްޔަސް އަސްލު އެއީ ފުޓްބޯލް ކަމަށެވެ.