އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ކުޅުނު މެޗުގައި ބްރެންޓްފޯޑް ބަލިކުރި އިރު، ޗެލްސީން ލީޑްސް ކައިރިން ބަލިވެއްޖެއެވެ.

ރޭ އާސެނަލުން އަމިއްލަ ދަނޑުގައި 2-0 އިން މޮޅުވި އިރު. ލީޑްސް ދަނޑުގައި ޗެލްސީ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން މޮޅުވެ އާސެނަލުން ވަނީ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ދަމަހައްޓައިފައެވެ. އެޓީމުން 14 މެޗުން 33 ޕޮއިންޓް ހޯދާފައިވާ އިރު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައި އޮތީ 14 މެޗުން 28 ޕޮއިންޓެވެ.

ރޭގެ މެޗުން ބަލިވެ، ޗެލްސީ ވަނީ ހަތަރު ވަނައަށް ސޮއްސާލައިފައެވެ. އެއީ 14 މެޗުން 24 ޕޮއިންޓާއެކުގައެވެ. ކުރިއަށް ޖެހިލީ އެސްޓަން ވިލާއެވެ. އެޓީމު ތިންވަނައިގައި އޮތީ 14 މެޗުން 27 ޕޮއިންޓާއެކުގައެވެ.

އާސެނަލުން ރޭގެ މެޗުގެ ކުރީކޮޅުގައި ކޮންޓްރޯލް ހޯދިއެވެ. މިކޭލް މެރީނޯގެ ގޯލާއެކު އެޓީމުން ލީޑު ނެގި އިރު، އާސެނަލުން ހާފު ނިންމާލީ އިތުރު ގޯލެއް ނުޖެހިއެވެ. ދެވަނަ ހާފުގައި ބްރެންޓްފޯޑުން އާސެނަލްގެ ފަހަތަށް ބާރުބޮޑު ކުރި ނަމަވެސް ހަމަލާތައް އުފެއްދީ އާސެނަލުންނެވެ.

ރިކާޑޯ ކަލަފިއޯރީއާއި ބުކަޔޯ ސަކާއަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވި އިރު، މެޗު ނިމެން ދަނިކޮށް ތިން ޕޮއިންޓް ޔަގީންކޮށްދިނީވެސް ސަކާއެވެ.

އާސެނަލުން އެންމެފަހުން ކުޅުނު 18 މެޗުންވެސް ބަލިވެފައި ނުވާ އިރު، އެޓީމުން ދެން ލީގުގައި ކުޅޭނީ ވިލާއާ ދެކޮޅަށެވެ.

ރޭ ޗެލްސީން ކުޅުނު މެޗުގައި ލީޑްސް ކައިރިން ބަލިވީ 3-1 އިންނެވެ. މެޗުގެ ކުރީކޮޅުން ފެށިގެންވެސް ޗެލްސީގެ ފަހަތުން ގޯސްތައް ފެނިގެން ގޮސްފައިވާ އިރު، ހާފު ނިމުމުގެ ކުރިން ލީޑްސްއިން ދެ ގޯލްވެސް ޖެހިއެވެ.

އެ ގޯލްތައް ޖެހީ ޖަކާ ބިޖޯލްއާއި އައޯ ޓަނަކާއެވެ. ބަދަލުތަކާއެކު ޗެލްސީން ދެވަނަ ހާފުގައި މެޗު އަނބުރާލަން މަސައްކަތް ފެށި އިރު، 50 ވަނަ މިނެޓުގައި ޕެޑްރޯ ނެޓޯ ވަނީ ގޯލެއްވެސް ޖަހައިފައެވެ.

އެހެން ނަމަވެސް، އޭގެ އިރުކޮޅެއްފަހުން އަނެއްކާވެސް ޗެލްސީގެ ފަހަތުން ހެދި ގޯހަކާއެކު ޑޮމިނިކް ކަލްވާޓް ލެވިން ވަނީ ގޯލް ޖަހައި ލީޑްސްއަށް ތިން ޕޮއިންޓް ޔަގީން ކޮށްދީފައެވެ.

ލީގުގައި ރޭވެސް ލިވަޕޫލުން ކުޅުނު މެޗުންވެސް ވީ އެއްވަރެވެ. ސަންޑަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުން އެއްވަރުވީ 1-1 އިންނެވެ.