ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓް (ވީއައިއޭ)އިން ތެޔޮ އަޅަނިކޮށް، ތެޔޮ ބައުޒަރުން ޖެހި ފުލައި ދުބާއީގެ މަތިންދާބޯޓަކަށް ގެއްލުންވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދެވެ. އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ އިރު، ވީޑިއޯއިން ފެންނަނީ ފުލައިޓުގެ ވިންގުގައި ހުންނަ ޕްލެޕްސް ތެޔޮ ބައުޒަރުގައި ޖެހިފައިވާ މަންޒަރެވެ. ވީއައިއޭގެ ގިނަ އަދަދެއްގެ މުވައްޒަފުންވެސް އެތަނުގައި ހަރަކާތްތެރިވަމުން އަންނަ މަންޒަރު ވީޑިއޯއިން ފެނެއެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާގައި މަތިންދާބޯޓަށް އެހާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ނަމަވެސް މަތިންދާބޯޓަށް ލިބުނު ގެއްލުންތައް މަރާމާތުކޮށް، ރެގިއުލޭޓަރީ ސްޓޭންޑަޑްތަކުގެ ދަށުން ސެޓްފިކެޓް ލިބެންދެން އެ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ކުރިއަށް ނުގެންގޮސް ގްރައުންޑް ކުރަން ވަނީ ނިންމައިފައެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ އެފަދަ ހާދިސާއެއް އެއާޕޯޓުގައި ހިނގާފައިވާ ކަމަށެވެ. އެމްއޭސީއެލްއާއި ސިވިލް އެވިއޭޝަން އޮތޯރިޓީން އެ ހާދިސާ ތަހުގީގު ކުރަމުންދާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހާދިސާ ހިނގިގޮތް ތަހުގީގު ކުރަމުންދާތީ އެކަމުގެ އިތުރު މައުލޫމާތު އަދި ހާމަކުރެވެން ނެތްކަމަށް އޮފިޝަލް ވިދާޅުވިއެވެ.