ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކަށް ފަތުރުވެރިކަމުގެ ދާއިރާގެ ސިނާއަތުގެ ވިޔަފާރިތައް ކުރެވޭ ގޮތަށް، ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވޭ ގޮތަށް ޓޫރިޒަމާބެހޭ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ޓޫރިޒަމްގެ ގާނޫނުގެ ފަސް ވަނަ މާއްދާ ގައި މިހާރު ކަނޑައަޅާފައި އޮންނަނީ، ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން ބިމާއި ފަޅު ކުށްޔައް ދެވެނީ ތިން ގޮތަކަށް ކަމަށެވެ.
އެއީ:
- ޓޫރިޒަމް މިނިސްޓްރީން އާންމުކޮށް އިއުލާނު ކޮށްގެން، ކަނޑައަޅާފައިވާ އުސޫލެއްގެ މަތީން އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ނުވަތަ ފަރާތަކަށް ކުށްޔަށް ދިނުން
- ހިންގުމަށް ބޭނުންވާ މަޝްރޫއެއްގެ ތަފްސީލާ އެކު، އެތަނަކަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުން އެ ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުށްޔަށް ދިނުން
- ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލު ކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫއަކަށް ހަރަދުކުރާ ފަރާތަކަށް، ކްރޮސް ސަބްސިޑީގެ ގޮތުގައި ރިސޯޓެއް ނުވަތަ އިންޓަގްރޭޓަޑް ރިސޯޓެއް ތަރައްގީކުރުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރުން
މަޖިލީހުން މިއަދު ފާސްކުރި ބިލުގައި ވަނީ އެ މާއްދާއަށް އަކުރެއް އިތުރު ކުރުމަށެވެ.
އެގޮތުން ކަނޑައެޅޭ ވަކި ޝަރުތުތަކާ އެކު ދައުލަތުގެ ކުންފުންޏަކަށް ރިސޯޓެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރެވޭނެ ކަަމަށް ކަނޑައަޅައި އެ ޝަތުރުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އެކަމަށް އެސްއޯއީއަކަށް ތަނެއް ދޫކުރަން ވާނީ ވަޒީރުންގެ މަޖިލީހުން ނިންމައިގެން ކަމަށާއި އެތަން ދޫކުރާނީ ދައުލަތުގެ ކޮން ކުންފުންޏަކަށްތޯ ނިންމަން ޖެހޭނީ ވަޒީރުންގެ މަޖިލީހުން ފާސްކޮށްގެން ކަަމަށްވެސް ވަނީ ހިމަނައިފައެވެ. އެގޮތަށް ދައުލަތުގެ ކުންފުންޏަށް އެތަން ދޫކުރެވޭނީ، ސަރުކާރާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް ބުނެފައިވެއެވެ.
މި ބިލްގައިވާ ގޮތުން އެ އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތައް، އެހެން އެއްވެސް ފަރާތަކަށް ބަދަލުކޮށް ނުވަތަ ކުއްޔަށްދީ ނުވަތަ ސަބްލީސްކޮށްގެން ނުވާނެއެވެ.
ބިލްގައިވާ ގޮތުން، ދޫކުރާ ތަނަށް ދައްކަން ޖެހޭ އެކުއިޒިޝަން ފީ އެ ކުންފުނިން ސަރުކާރަށް ދައްކަންވާނެއެވެ. އޭގެ އިތުރުން، ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރާ ހާލަތްތަކުގައި މިނިސްޓްރީން ކަނޑައަޅާ ފައިސާ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ގޮތުގައި ޓޫރިޒަމް ޓްރަސްޓު ފަންޑަށް ޖަމާކުރުމަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ތަރައްގީގެ މަޝްރޫއަކަށް ހަރަދުކުރުމަށް ޝަރުތު ކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޔޮޓް ބަނދަރު ހިންގުމަށް ރަށްރަށާއި ފަޅު އަދި ބިން ދައުލަތުގެ ކުންފުނިތަކަށް ދެވޭ ގޮތަށް ވެސް މި އިސްލާހުގައި ވެއެވެ. އަދި ދައުލަތުގެ ކުންފުނި ކަމަށް މާނަ ކުރަނީ އެ ކުންފުންޏެއްގައި މަދުވެގެން ސަރުކާރުގެ 45 ހިއްްސާ އޮންނަ ކުންފުނިތައް ކަމަށްވެސް ބިލުގައިވެއެވެ.
އިބްރާހިމް ޒަކީ
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް