މިއަހަރުގެ މާޗުމަހުގެ ތެރޭގައި ޕޯޓް ކްލިއަރަންސްގައި މަސައްކަތްކުރާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ފީލްޑް އޮފިސަރުންތަކެއް، ރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމަށް ބޭނުންވާ ހެލްތު ސެޓްފިކެޓާ ނުލައި، ކަނޑުމަގުންނާއި، ވައިގެ މަގުން ރާއްޖެއަށް އެތެރެކޮށްފައިވާ ޝިޕްމަންޓްތަކެއް އެތެރެކުރުމަށް ކްލިއަރެންސް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ މައްސަލައިގައި "ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު" ގެ 512 ވަނަ މާއްދާގެ (ހ) ގެ ދަށުން ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ތިން ދައުވާއެއް ދެ މީހެއްގެ މައްޗަށް ކުރާ ކަމަށެވެ.

އެ ދެ މީހުންނަކީ ދަފްތަރު ރސ 9244 އަހުމަދު ހާޝިމް އަދި ގދ. ތިނަދޫ، އަރަފާތު، އަހްމަދު ޒާހިިރު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެ ދެ މީހުންގެ މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިއަދުކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަސްކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ހާޝިމް އާއި ޒާހިރުގެ ފަރާތުން ޕީޖީ އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދި ހުށަހަޅާފައިވެއެވެ.

"ނަމަވެސް މި ކުށަކީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅުންހުރި ކުށަކަށް ވެފައި، ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ގާނޫނުތަކާ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައި ވާތީ، އާންމު މަސްލަހަތު ވަޒަން ކުރުމަށްފަހު ނަސޭހަތުގެ އެއްބަސްވުމެއް ނުހެދުމަށް މި އޮފީހުން ނިންމާފައި ވާނެ" ޕީޖީ އޮފީހުން ބުންޏެވެ.