ޑްރަގް ކުށްތަކުގައި ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގާގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިހާރު އޮންނަގޮތުން މިގޮތަށް ބަދަލު ނެގެނީ, ހަމައެކަނު ދައުލަތުގެ މާލިއްޔަތު ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އުސޫލެއްގެ ދަށުން އެކަންޏެވެ.

ނަަމަވެސް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން މިއަދު ފާސްކުރި ބިލްގައި، އެ މި ގާނޫނުގެ 161 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ ދަށުން މަސްތުވާތަކެތީގެ ކުށްތަކުގައި ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

އެގޮތުން ދައުލަތަށް ނެގުމަށް ކޯޓުން އަމުރު ނެރެން ޖެހޭ މުދަލާއި ފައިސާ:

  • ކުށް ކުރުމަށް ބޭނުންކުރި ފައިސާ ނުވަތަ މުދާ
  • ކުށް ކޮށްގެން ހޯދާ މުދާ ނުވަތަ ކުށް ކޮށްގެން ހޯދާ މުދަލުން ހޯދާ ފައިސާ އާއި މުދާ
  • ކުށް ކޮށްގެން ހޯދަން އުޅޭ ފައިސާ ނުވަތަ ހޯދަން އުޅޭ ފައިސާ އާއި މުދާ
  • ކުށް ކުރުމަށް ބޭނުން ކުރި މުދަލެއް
  • ކުށް ކޮށްގެން ހޯދާފައިވާ މުދަލަކާ އެކުވެފައިވާ ފައިސާ ނުވަތަ މުދާ
  • ކުށް ކޮށްގެން ހޯދާ މުދަލުން ސީދާކޮށް ނުވަތަ ނުސީދާކޮށް ލިބޭ މުދާ

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން މިހާރު ކޮންޓްރޯލް ކޮށްފައިވާ މަސްތުވާތަކެތީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަން ޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފު ކުރުމާއި، މަސްތުވާތަކެއްޗާއި ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުމާއި، މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާއި، ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި، ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖައާ ކުރުމަށް މި ބިލުގައި ވަނީ ހިމަނައިފައެވެ.