ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްސަލައިގައި އިމިގްރޭޝަނުން ސީސީޓީވީ ފުޓޭޖުތަކެއް ފުލުހުންނާ ހަވާލުކުރަން އެންގީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންކަމަށް ބުނެ ހެކިވެރިޔަކު ކޯޓުގައި ހެކިބަސް ދީފިއެވެ.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަހަރުގެ މާޗު 23 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

ޝަމްއާންގެ ފަރާތުން ބަންދުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް މިއަހަރުގެ މާޗް މަހުގެ 28 ގައި ނިންމި ނަމަވެސް ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމުން ނިންމީ މައްސަލަ ބަލައިގަތުމަށެވެ. މައްސަލަ ބެލުމަށްފަހު ހައިކޯޓުންވެސް ނިންމީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ.

ޝަމްއާންގެ ފަރާތުން އެ ދެ އަމުރުވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގައި އެ މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 15 ގައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބެލުމަށްފަހު މިއަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު ހުކުމްކުރީ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.

ޝަމްއާންގެ މައްޗަށް ކުރާ ދައުވާތަކުގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ހަވަވަނަ ދުވަހުގައެވެ. އެ އަޑުއެހުމުގައި ދައުލަތުން ހުށަހަޅާ ބައެއް ހެކިވެރިންގެ ހެކިބަސްވަނީ ނަގައިފައެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ހެކިވެރިޔަކު ބުނީ އިިމިގްރޭޝަންގެ ސީސީޓީވީ ފޫޓޭޖުތަކެއް ފުލުހުންނާ ހަވާލުކުރަން އިހުސާން އެންގި ކަމަށެވެ. އިމިގްރޭޝަންގެ ފަރާތުން އެ ވީޑިއޯތައް ފުލުހުންނަށް ހަވާލުކޮށްފައިވަނީ އޭނާ ކަމަށެވެ.

ހެކިވެރިޔާ ބުނީ ފުޓޭޖު ފުލުހުންނާ ހަވާލުކުރަން އިހުސާންގެ ފަރާތުން ޑައިރެކްޓް އިންސްޓްރަކްޝަނެއް ލިބިފައި ނުވާ ކަމަށެވެ. އޭނާއަށް އެ އިންސްޓްރަކްޝަން ލިބިފައިވަނީ އިމިގްރޭޝަންގެ އިންފޮމޭޝަން ޓެކްނޮލޮޖީ ހެޑުގެ ފަރާތުންކަމަށް ހެކިވެރިޔާ ބުންޏެވެ.

އައިޓީ ހެޑް، އޭނާއަށް އަންގާފައިވަނީ ސީސީޓީވީ ފުޓޭޖުތައް ފުލުހުންނާ ހަވާލުކުރަނީ އިހުސާން އާއި ފުލުހުންގެ އެންގުމަކާ ގުޅިގެން ތަހުގީގުގެ ބޭނުމަށްކަމަށް ހެކިވެރިޔާ ބުންޏެވެ. އިހުސާން، ގުޅުއްވާފައިވަނީ އައިޑީ ހެޑަށް ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާގެ އެ ހެކިބަހާ ގުޅިގެން ސުވާލުކުރަން ލިބުނު ފުރުސަތުގައި ޝަމްއާންގެ ދިފާއީ ވަކީލު ނޫރުއްސަލާމް ވަނީ އެއީ އިމިގްރޭޝަންގައި ހުންނަ ހެކިތަކެއް، ފުލުހުންނާ ހަވާލުކުރަން ޖެހޭ ރަސްމީ އިޖުރާއަތްތޯ ސުވާލު ކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެމުން ހެކިވެރިޔާ ބުނީ އާންމު ގޮތެއްގައި އަންގަނީ ފުލުހުން ކަމަށާއި ބައެއް ހާލަތްތަކުގައި މިސާލަކަށް އަވަހަށް ބޭނުންވާ ހާލަތެއްގައި މިނިސްޓަރު ނުވަތަ ފުލުހުންގެ އިސް ފަރާތަކުން އަންގައިގެންވެސް ދޭ ކަމަށެވެ.

ނޫރުއްސަލާމް ކުރެއްވި އިތުރު ސުވާލެއްގައިވަނީ މިނިސްޓަރާއި ފުލުހުން އަންގައިގެން ހެކީގެ ގޮތުގައި މީގެކުރިން ސީސީޓީވީ ފުޓޭޖު ދީފައިވާނަމަ އެ ކަންކަމުގެ ތަފުސީލު ދިނުމަށް އެދިފައެވެ. ނަމަވެސް ހެކިވެރިޔާ ބުނީ އެ ހުރިހާކަމެއް މިހާރު ހަނދާނަކު ނެތް ކަމަށެވެ.

ދައުލަތުން އިތުރަށް ސުވާލުކުރަން ލިބުނު ފުރުސަތުގައި ވިދާޅުވީ ސީދާ މިނިސްޓަރު އިހުސާނުގެ އިރުޝާދެއް، ސީސީޓީވީ ފުޓޭޖު ފުލުހުންނާ ހަވާލުކުރަން އަންގައި ލިބުނުތޯ އެވެ. ޖަވާބުގައި ހެކިވެރިޔާ ބުނީ ސީދާ މިނިސްޓަރު އޭނާއަށް ގުޅުއްވާފައި ނުވާ ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި އެ ވީޑިއޯ ފުޓޭޖުގެ ފޮރެންސިކް އެނަލިސިސް ހެދި ފުލުހުންގެ އޮފިސަރު ހިމެނޭހެން 80 ހެއްކެއް ކިތާބީ ހެކި ހިމެނެހޭން ހިމެނެއެވެ.

މިއަދު މެންދުރުފަހު މި މައްސަލައިގައި ބާއްވާ އަޑުއެހުމުގައި ސީނަށް ހާޒިރުވި ފުލުހުންގެ ހެކިބަސް ނެގުންވެސް ކުރިއަށްދާނެއެވެ.

މި މައްސަަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިހުސާނެވެ.