ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
ގާޒީ ހުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރަން ނިންމައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ މިދިޔަ ބުދަ ދުވަހުގައެވެ. އެއަށްފަހު އެކަމާމެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލިހަށް ފޮނުވިއެވެ.
ގާޒީ ހުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރުމާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށް އެދި ޖޭއެސްސީން މަޖިލީހަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ، ސ. ހިތަދޫ ކޯޒީކޯނާ އަލީ އަންވަރު މުހައްމަދުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ގާޒީ އަމަލުކޮށްފައިވާ ކަަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަައެއް ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް އެ މައްސަލައިގައި ގާޒީގެ މައްޗަށް ތުހުމަތުކޮށްފައިވާ އަމަލު ގާޒީ ކޮށްފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ.
ކޮމިޝަނުން އެ މައްސަލަ ބަލައި ނިންމިގޮތުގެ ރިޕޯޓް ބަލައިގަތުމަށާއި ގާޒީގެ މި އަމަލަކީ ގާނޫނުއަސާސީގެ 142 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ކަނޑއަޅާފައިވާ މިންގަނޑާ ހިލާފު އަމަލަކަށްވާތީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން ގާޒީ ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ކަނޑައެޅުމަށް ވެސް ޖޭއެސްސީން މަޖިލީހަށް ފޮނުވި ސިޓީގައި އެދިފައިވެއެވެ.
ޖޭއެސްސީގެ ނިންމުން މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ އިތުރަށް ދިރާާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މަޖިލީހުން ފޮނުވީ މިދިޔަ ހޯމަ ދުވަހުއެވެ.
މި މައްސަލައަށް ގޮތެއް ކަނޑައެޅުމަށް އިއްޔެ ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވަން ހުށަހަޅުއްވަމުން ފަރެސްމާތޮޑާ ދާއިރާގެ ޕީއެންސީ މެންބަރު އަޝްރަފް ރަޝީދު ވިދާޅުވީ މަޖިލިސް ގަވާއިދުގެ 230 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުން އެކަމުގައި ކޮމިޓީން ބަލަން ޖެހެނީ، ގާޒީ ފާއިޒް މަގާމުން ވަކިކުރުމުގެ މައްސަލައިގައި އިޖުރާއަތްތަކާ ހިލާފަށް ޖޭއެސްސީން އެއްވެސް ކަމެއް ހިންގާފައިވޭތޯ ކަމަށެވެ. މިހާތަނަށް އައި އިރު އެފަދަ ކަމެއް ހިނގާފައިވާކަން ފާހަގަ ވެފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގައި އިޖުރާއަތާ ހިލާފަށް އެއްވެސް ކަމެއް ހިންގާފައިވާކަމަށް ގާޒީ ފާއިޒްގެ ފަރާތުން، ރަސްމީ އެއްވެސް ފަރާތެއްގައި ޝަކުވާކުރިކަން އެނގެން ނެތުމުން އެ މައްސަލައަށް ގޮތެއް ނިންމަން މަޖިލިސް ތަޅުމަށް ފޮނުވަން ހުށަހަޅުއްވާކަމަށް މެންބަރުން ވިދާޅުވިއެވެ.
އަޝްރަފްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރެވެ.
އެ ހުށަހެޅުން ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްކުރިއެވެ.
ކޮމިޓީގެ ނިންމުން މަޖިލިސް ތަޅުމަށް ހުށަހެޅުމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ ތެރެއިން ޕީއެންސީގެ 56 މެންބަރުން ވޯޓު ދެއްވީ ފާއިޒް ފަނޑިޔާރުކަމުން ވަކި ކުރުމަށެވެ. ފާއިޒް މަގާމުން ވަކި ކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 8 މެންބަރުންނެވެ.
މީގެ ކުރިީން، ނޮވެމްބަރު، 2021، ގައި ވެސް ޖޭއެސްސީން ވަނީ ފާއިޒް ސަސްޕެންޑުކޮށްފައެވެ. އެ ފަހަރު އޭނާ ސަސްޕެންޑު ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލަ ބެއްލެވި ގާޒީން "ރަހީނު" ކޮށްގެން ކަމަށް އޭނާ ވިދާޅުވާ އޯޑިއޯއެއް ލީކުވުމުންނެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް