ޝަމާއިލް ހުސެއިން، ގައުމީ ވޮލީބޯޅަ ސްކޮޑުން ވަކިކުރަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމައިފިއެވެ.
ޝަމާއިލް ގައުމީ ސްކޮޑުން ވަކިކުރަން ނިންމާފައި ވަނީ އޮންނަ އުސޫލުގެ ބޭރުން، ލ. އަތޮޅު ކައުންސިލްގެ ލާމަސީލު ލާމު އަތޮޅު ވޮލީ މުބާރާތް ކުޅެމުންދާތީ ކަމަށް ވީއޭއެމްއިން ނެރުނު މެމޯއެއްގައި ބުނެފައިވެއެވެ.
ޝަމާއިލް އެ މުބާރާތުގައި ކުޅެމުން ދަނީ އޭނާގެ އުފަން ރަށް، ލ. މާވަށު އަކިރިކޮޅު ސްޕޯޓްސް ކްލަބަށެވެ. މިހާތަނަށް އޭނާ މުބާރާތުގައި ދެމެޗެއް ކުޅެފައިވެއެވެ.
ޝަމާއިލް ދާދިފަހުން ތައިލެންޑް ކްލަބެއްގެ ޓްރަޔަލްއަށް އެގައުމަށް ގޮސްފައިވާ އިރު، އެނބުރި ރާއްޖެއައީ ސިއްހީ މައްސަލައެއް ދިމާވުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ އައިފަހުން ގައުމީ ސީނިއާ ޓީމުގެ ފަރިތަކުރުންތަކަށް ނުނުކުމެ ހުރުމަށްފަހު ދެން ކުޅުނީ ލ. އަތޮޅު ވޮލީ މުބާރާތެވެ.
ޝަމާއިލް ގައުމީ ޓީމުން ވަކިކުރުމުގެ އިތުރުން، ވީއޭއެމްގެ ރެފްރީން ބޭނުންކޮށްގެން ކުޅޭ މުބާރާތްތަކުގައި ނުކުޅެވޭނެ ގޮތަށާއި އޮފިޝަލަކަށް ނީނދެވޭނެ ގޮތަށްވެސް ނިންމާފައިވެއެވެ.
އެގޮތަށް އެކަން ނިންމާ، ވީއޭއެމްއިން ވަނީ ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީއަށް ސިޓީއެއްވެސް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައި ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެހެން މުބާރާތްތަކުގައި ކުޅެން ދެވޭނީ ވަކި އުސޫލެއްގެ ސަބަބުން ކަމަށާއި، ޝަމާއިލް އަތޮޅު މުބާރާތަށް ގޮސްފައި ވަނީ އެ އުސޫލުން ބޭރުން ކަމަށެވެ.
އެހެންކަމުން އެކަމަށް އެސޯސިއޭޝަނުގެ ލީގަލް ކޮމިޝަނުން ގޮތް ނިންމި ކަމަށްވެސް އަންގާފައިވެއެވެ.
އެ ނިންމުމާ ގުޅޭ ގޮތުން "ވަން ސްޕޯޓްސް"އަށް ވާހަކަ ދައްކަވަމުން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ޝަމާއިލްއަށް ފިޔަވަޅު އެޅީ، އެ އޮންނަ އުސޫލު ފޮލޯ ނުކުރުމުން ކަމަށާއި، ގައުމީ ޓީމު ކުޅުންތެރިންނަކީ އެ އުސޫލުގެ ތެރެއިން އަމަލުކުރަން ޖެހޭނެ ކުޅުންތެރިން ކަމަށެވެ.
"ގައުމީ ޓީމުގެ ކުޅުންތެރިންނަކީ، ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް ކޮމިޝަނާ އޮފް ސްޕޯޓްސް މެދުވެރިކޮށް ވަޒީފާއިންވެސް ވީއްލާފައި ތިބޭ ކުޅުންތެރިން. އެހެންވީމަ ކޮންމެވެސް އުސޫލެއް އޮންނާނެ އެ ހާލަތުގައި އެހެން މުބާރާތްތައް ކުޅެންވެސް. އެގޮތަށް ލ. އަތޮޅު މުބާރާތަށްވެސް ދެ ކުޅުންތެރިޔަކު ކުޅެން ގޮސް އެބަ އުޅޭ،" ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ޝަމާއިލް މިވަގުތު ގައުމީ ޓީމުން ދުރުވާން ޖެހުނު ނަމަވެސް، އުންމީދަކީ އެ ގޯސް ގަބޫލުކޮށް، އަލުން އަނބުރާ ޓީމަށް އައުމަށް މަސައްކަތް ކުރުން ކަމަށެވެ.
ޝަމާއިލްއަށް އެޅި ފިޔަވަޅާއެކު، ލ. އަތޮޅު މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ލީގު ބުރުގައި މިރޭ ކުޅެން އޮތް ދެމެޗުވެސް ވަނީ ފަސްކޮށްފައެވެ. އަތޮޅު ކައުންސިލުން ބުނީ އެ އިދާރާއިން ހިންގާ މުބާރާތުގައި ޝަމާއިލްއަށް ނުކުޅެވޭނެ އެއްވެސް ސަބަބެއް ނެތުމުން އޭނާއަށް މެޗު ކުޅެން ހުރަހެއް ނެތް ކަމަށެވެ.
އެހެން ނަމަވެސް، ޝަމާއިލް މެޗުގައި ކުޅޭނަމަ، ވީއޭއެމްގެ ރެފްރީން ލިބުމުގައި ދަތިތަކެއް ހުރުމުން މެޗުތައް ދެން ފަށާނެ ތާރީހެއް އަލުން އަންގާނެ ކަމަށްވެސް ލ. އަތޮޅު ކައުންސިލުން ބުނެފައިވެއެވެ.
މުޙައްމަދު ޝަމްޢޫން
ގައުމީ ވޮލީބޯޅަ ޓީމު
ގައުމީ ވޮލީބޯޅަ ޓީމު
ގައުމީ ވޮލީބޯޅަ ޓީމު
ގައުމީ ވޮލީބޯޅަ ޓީމު