ކިލިއަން އެމްބާޕޭގެ ޕެނަލްޓީން ޖިރޯނާއާ އެއްވަރުވި ނަމަވެސް، ރެއާލް މެޑްރިޑަށް ލަ ލީގާގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު ގެއްލިއްޖެއެވެ.

ރަށުން ބޭރުގައި ރެއާލްއިން ރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، މިވަގުތު ތާވަލުގެ ދެވަނައިގައި އެޓީމު އޮތީ 14 މެޗުން 33 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް ބާސެލޯނާއިން މިހަފުތާގައި ކުޅުނު މެޗުންވެސް މޮޅުވެފައިވާ އިރު، އެޓީމު އެއްވަނައިގައި އޮތީ 14 މެޗުން 33 ޕޮއިންޓާއެކުގައެވެ.

މުޅި މެޗުގައިވެސް ރެއާލަށް އުނދަގޫތަކާ ކުރިމަތިވެފައިވާ އިރު، ރަނގަޅު މާކިންއަކާއެކު ޑިފެންސް ކުރިއެވެ. އެހެން ނަމަވެސް، ފުރަތަމަ ހާފުގައިވެސް ދެފަހަރެއްގެ މަތިން ކިލިއަން އެމްބާޕޭ ދެމިގެންފައިވާ އިރު، މަދުވީ ގޯލެކެވެ.

ރަނގަޅު އެޓޭކްތަކަކަށް މަސައްކަތް ކުރަން ފުރުސަތު ލިބި، އެކަން ކާމިޔާބުނުވުމުން އިރުކޮޅެއް ތެރޭގައި ރެއާލަށް ލަނޑު ލިބުނެވެ. ހާފު ނިމެން ދަނިކޮށް ކައުންޓާ އެޓޭކެއްގައި މޮރޮކޯގެ ވިންގް ބެކް، އިއްޒުއްދީން އޮނާހީ ވަނީ ޖިރޯނާއަށް ލީޑު ނަގައިދީފައެވެ.

މެޗު އެއްވަރުކުރުމަށް ރެއާލުން ކުރި މަސައްކަތުގައި 67 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބުނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް އެމްބާޕޭ ވަނީ މި ސީޒަނުގެ ލީގުގައި އޭނާ ކާމިޔާބުކުރި 14 ވަނަ ގޯލް ޖަހައިދީފައެވެ.

ރެއާލް ކޯޗު ޒަބީ އެލޯންސޯއަށް ޕްރެޝަރާ ކުރިމަތިވެފައިވާ އިރު، ބައެއް މީޑިއާތަކުން ބުނަމުން ދަނީ އޭނާއާ ކުޅުންތެރިންނާ ދެމެދު މައްސަލަތަކެއް އުޅޭ ކަމަށެވެ. ބައެއް މެޗުތަކުގައި ކުޅުންތެރިންނާއި އެލޯންސޯއާ ދެމެދު ދެބަސްވުންތައް ހިނގިތަންވެސް ފެނިގެން ގޮސްފައިވެއެވެ.