އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި ވާދަވެރި އާސެނަލް ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ޗެލްސީ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ބޮޑު ބައެއްގައި ޗެލްސީއަށް ކުޅެން ޖެހުނީ 10 ކުޅުންތެރިންނާ އެކުގައެވެ. އެއީ 38 ވަނަ މިނެޓުގައި މިޑްފީލްޑަރު މޮއިސަސް ކައިސޭޑޯއަށް ދެއްކި ސީދާ ރަތް ކާޑެއްގެ ސަބަބުންނެވެ. އެ ރަތް ކާޑަކީ ކައިސޭޑޯ، މިކޭލް މެރީނޯގެ ފަޔަށް ކުރި ނުރައްކާތެރި ޓެކުލެއް، ވީއޭއާރް ބަލާފައި ރެފްރީ ދެއްކި ރަތް ކާޑެކެވެ.

އެ ކާޑާއެކުވެސް ޗެލްސީން އާސެނަލް ހިފަހައްޓާފައިވާ އިރު، އާސެނަލް އެއްވަނައިގައި އޮތީ ފަސް ޕޮއިންޓްގެ ލީޑެއްގައެވެ. އެއީ 13 މެޗުން 30 ޕޮއިންޓާއެކުގައެވެ. މެންޗެސްޓާ ސިޓީ ތާވަލުގެ ދެވަނައިގައި މިވަގުތު އޮތީ 13 މެޗުން 25 ޕޮއިންޓާއެކުގައެވެ. ޗެލްސީ ތިންވަނައިގައި އޮތް އިރު، އެޓީމަށް 13 މެޗުން 24 ޕޮއިންޓް ލިބިފައިވެއެވެ.

މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ފެނުނީ ޓެކުލްތަކާއި ފައުލްތައްވެސް ގިނަ، ވާދަވެރި ހާފެއްގެ ގޮތުގައެވެ. ކައިސޭޑޯއަށް ދެއްކި ރަތް ކާޑުގެ އިތުރުންވެސް ހަތް ރީނދޫ ކާޑު އެ ހާފުގައި ފެނުނު އިރު، ގިނަ ފުރުސަތުތައް ހޯދީ ޗެލްސީންނެވެ.

އެސްޓެވާއޯ ވިލިއަންއަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވި އިރު، އާސެނަލްގެ ވަރުގަދަ ޑިފެންސިވް ޕެއާ ކަމަށްވާ ގެބްރިއަލްއާއި ވިލިއަމް ސަލީބާ ނެތްތަން ދެއްކިއެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ޗެލްސީން ލީޑު ނެގިއެވެ. އޭރިއާ ތެރެއިން ޓްރެވާ ޗަލޯބާ ބޮލުން ޖައްސާލި ބޯޅަ ގޯލަށް ވައްދާލައި ޗެލްސީން ލީޑު ނެގި އިރު، އޭގެ 11 މިނެޓް ފަހުން އާސެނަލް އެއްވަރުކުރިއެވެ. އެއީ ބުކަޔޯ ސަކާގެ ހުރަހަކުން މެރީނޯ ޖެހި ގޯލެކެވެ.

ރަތް ކާޑަކާއެކުވެސް ޗެލްސީން އިތުރު ހަމަލާތައް އުފެއްދި އިރު، ލިއަމް ޑެލަޕާއި ޕެޑްރޯ ނެޓޯގެ ފުރުސަތުތައް ފާހަގަވިއެވެ. އަދި އަނެއްކޮޅުން އާސެނަލްގެ ބުކަޔޯ ސަކާ ދުރުން ފޮނުވާލި ހަމަލާ މަތަކުރީ ޗެލްސީ ކީޕަރު ރޮބަޓް ސަންޗޭޒްއެވެ.