ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ގާޒީ ހުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރަން ނިންމައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ މިދިޔަ ބުދަ ދުވަހުގައެވެ.

ޖޭއެސްސީން ބުނީ އެގޮތަށް ނިންމީ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ފަރާތެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމުގައި ފާއިޒު އަމަލުކުރީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް ތަހުގީގު ކޮމެޓީއަށް ސާބިތުވެފައިވާތީ ކަމަށެވެ.

ޖޭއެސްސީން ބަލަމުން ދިޔަ ދެ މައްސަލައަކާ ގުޅިގެން މިދިޔަ އޮކްޓޯބަރު 22 ގައި އޭނާ ވަނީ ސަސްޕެންޑުވެސް ކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފާއިޒް ސަސްޕެންޑްކުރީ، މަސްތުވާތަކެތީގެ ބޮޑެއް ކަމަށްވާ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު 41އ ބަންދުން ދޫކޮށްލުމާއި، މޭރީ ގްރޭސް މަރުގެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާގެ ބަންދާ މެދު އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހެޅި މައްސަލަތަކާ ގުޅިގެންނެވެ.

މީގެ ކުރިީން، ނޮވެމްބަރު، 2021، ގައި ވެސް ޖޭއެސްސީން ވަނީ ފާއިޒް ސަސްޕެންޑުކޮށްފައެވެ. އެ ފަހަރު އޭނާ ސަސްޕެންޑު ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މައްސަލަ ބެއްލެވި ގާޒީން "ރަހީނު" ކޮށްގެން ކަމަށް އޭނާ ވިދާޅުވާ އޯޑިއޯއެއް ލީކުވުމުންނެވެ.

ފާއިޒް ފަޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ އިރު، މަޖިލީހުން ދެން އެ މައްސަލަ ފޮނުވާނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށެވެ.

އެ ކޮމިޓީން ބަލާނީ އެ މައްސަލައިގައި ޖޭއެސްސީން ނިމްމާފައިވާ ނިންމުމަކީ އިޖުރާއަތްތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްތޯއެވެ. އެއަށްފަހު ފާއިޒް ގާޒީކަމުން ވަކި ކުރަނީ އެކަމާބެހޭ ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅައި، ފާއިޒް ގާޒީކަމުން ވަކިކުރަން ފެނޭތޯ މަޖިލީހުގައި ނަގާ ވޯޓު ކާމިޔާބުވުމުންނެވެ.